ގޭބިސީތަކުން އުކާލަން ކުނި ނެރޭއިރު ކުނިތައް ބައިބަޔަށް ވަކިކުރުމަށްފަހު ނެރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން އަންގައިފި އެވެ.

ވެމްކޯއިން ބުނީ، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ގޭބިސީތަކުން އުކައިލަން ނެރޭ ކުނި ހުންނަން ޖެހޭނީ ބައިތައް ވަކިކޮށްފައި ކަމަށެވެ. އެނޫން ގޮތަކަށް ނެރޭ ކުނި އުކައިލަން ހަވާލުނުވުމުގެ އިހުތިޔާރު، ކުނިމެނޭޖްކުރުމުގެ ގަވައިދުން އެކޯޕަރޭޝަނަށް އޮންނާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މިގޮތުން މާލެ ސަރަހައްދުންނާއި އަތޮޅުތަކުން ވެސް ކުނިވާ ބާވަތްތަކާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުންޏާއި ޕްލާސްޓިކް ފުޅި އަދި އެހެނިހެން ކުނިތައް އަންނަ މަހުގެ އެއް ވަނަ ދުވަހުން ވަކި ކުރުމަށްފަހު ކުނި ނެރުމަށް ވެމްކޯއިން ވަނީ އެދިފަ އެވެ.

ގޭބިސީތަކުން އުކާލާ ކުނި ބައިބަޔަށް ވަކިކޮށްގެން ނެރެން އެންގީ އެންވަޔަރަންމަންޓް މިނިސްޓްރީން މިދިޔަ އޮގަސްޓް މަހު ގެޒެޓްކޮށްފައިވާ ކުނި މެނޭޖްކުރުމާ ބެހޭ ގަވައިދުގައި އެގޮތަށް ކުނީގެ ކަންކަމުގައި އަމަލުކުރަން އަންގާފައިވާތީ ކަމަށްވެސް ބަޔާނުގައިވެ އެވެ. ދުނިޔޭގެ ތަހުޒީބު މުޖުތަމައުތަކުގައިވެސް އުކާލާ ކުނ ބައިބަޔަށް ވަކިކޮށްގެން ކުނި މެނޭޖުކުރުމަކީ ކާމިޔާބުކަމާ އެކު ތަޖުރިބާކޮށްފައިވާ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.

ވެމްކޯ އިން ދުވަހު ކުނީގެ ގޮތުގައި އުކާލަމުންދާ ކުނީގެ ތެރޭގައި ނުހިމެނޭ ބޮޑެތި އަދި ބަރު ކުނި އުކާލުމަށްޓަކައި ވެމްކޯގެ ކޯލް އެންޑް ޕިކަޕް (ކެޕްސް)ގެ ހިދުމަތް ހޯދުމަށްވެސް އެދިފައިވެ އެވެ.

މީގެ އިތުރުން މާލޭ ސަރަހައްދުން ބޭރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން އުޅަނދުގައި ކުނި ބަރުކޮށްގެން ތިލަފުށި ވޭސްޓް ޑިސްޕޯސަލް ސައިޓަށް ކުނި އުކާލާ ފަރާތްތަކުން ވެސް ޖެހޭނީ ގަވާއިދާ އެއްގޮތަށް އަމަލުކުރަން ކަމަށް ވެމްކޯއިން ބުންޏެވެ.