ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އޭ މިނިސްޓްރީން މިއަދު ބުނީ މިހާރު ކުރިއަށްދަނީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރުމުގެ މަސައްކަތް ކަމަށެވެ. މި މަސައްކަތް ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ފަރާތުންނެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީ ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ވަރުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި ޕެސެންޖާ ޓާމިނަލް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަން އިމާރާތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައިވާ ކަމަށް އެމިނިސްޓްރީން ހާމަކުރެ އެވެ.
މީގެއިތުރުން އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ކާރގޯ ވަސީލަތްތައް ތަރައްގީ ކުރުމުގެ އިތުރުން އެއާޕޯޓުގެ މަގުތައް ތަރައްގީކުރެވި ޕާކިންގ ސަރަހައްދެއްވެސް ތަރައްގީ ކުރުމަށް ވަނީ ނިންމާފަ އެވެ.
މިނިސްޓްރީން ބުނީ ގަން އިންޓަރނޭޝަނަލް އެއާ ޕޯޓަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރާށި ކަމަށްވާއިރު އެ އެއާޕޯޓްޒަމާނީ ފެންވަރަށް ތަރައްގީކޮށް، ހިދުމަތުގެ ފެންވަރު ރަގަޅު ކުރުމީ ދެކުނުގެ ތަރައްގީއަށް ނުހަނު މުހިއްމު ކަމެއް ކަމަށެވެ.
އެގޮތުން އެ ސަރަހައްދުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ސިނާއަތްތައް ތަރައްގީކޮށް، ދެކުނުގެ އަތޮޅުތަކުގެ އިޤްތިޞާދު ފުޅާކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުގައި ގަން އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަކީ މުހިއްމު ދައުރެއް އަދާ ކުރާނެ މަޝްރޫއެއް ކަމަށްވެސް ބުނެފައިވެ އެވެ.