ޖެނީވާ (21 މެއި) - ރާމާމަކުނުގެ ޒަރިއްޔާއިން ޖެހޭ ނުރައްކާތެރި ގައިން ގަޔަށް އަރާ ބައްޔެއް ކަމަށްވާ މަންކީ ޕޮކްސް މިހާތަނަށް ޔޫރަޕްގެ 11 ގައުމަކުން ފެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ބުނެފި އެވެ.

އެ ޖަމާއަތުގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޔޫރަޕްގެ އެކި ގައުމުތަކުން މިހާތަނަށް 80 ކޭސް ފެނިފައިވާއިރު ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ އިތުރު 50 ކޭސް ފާހަގަ ކުރެވިފައިވެ އެވެ.

ބެލި ފެނިފައިވާ 11 ގައުމުގެ ވަނަވަރު ހާމަކޮށްފައި ނުވި ނަމަވެސް އިނގިރޭސި ވިލާތް، ސްޕެއިން، ޕޯޗުގަލް، ޖަރުމަނު ވިލާތް، އިޓަލީ، އޮސްޓްރޭލިއާ އަދި އެމެރިކާގެ އިތުރުން ކެނެޑާއިން ބަލި ފެނިފައިވާ ކަމަށް އެގައުމުތަކުން ހާމަކޮށްފައިވެ އެވެ.

ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ މި ބައްޔަކީ އެފްރިކާގެ ގައުމުތަކުން ފެންނަ ބައްޔެއް ނަމަވެސް އެ ބައްރުން ބޭރުގައި މި ބަލި ފެތުރުފައިވަނީ މަދު ފަހަރެއްގަ އެވެ.

ޔޫރަޕްގެ އެކި ހިސާބުތަކަށް މަންކީ ޕޮކްސް ފެތުރިފައި ވީނަމަވެސް ކޮވިޑް -19 ފަދަ ޕެންޑަމިކްއަކަށް މި ބަލިވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ސައިންސްވެރިން ބުނެ އެވެ.

މަންކީ ޕޮކްސް ޖެހިއްޖެނަމަ ހުން އައިސް ހަށިގަނޑުގެ އެކި ތަންތަނުން ފޮޅު ނެގި ނަމަވެސް މި ބަލީގައި ބޮޑުވަރުވާ މިންވަރު ނިސްބަތުން ދަށް ކަމަށް މާހިރުން ބުނެ އެވެ. އާއްމުކޮށް ބަލި ޖެހޭތާ ދެ ހަފްތާ ތެރޭގައި މި ބަލިން ރަނގަޅުވެ އެވެ.

މަންކީ ޕޮކްސްއަށް ހާއްސަ ވެކްސިންއެއް އުފައްދާފައިވާ ނުވާ ނަމަވެސް ސްމޯލް ޕޮކްސް ކޮންޓްރޯލް ކުރަން އުފައްދާފައިވާ ވެކްސިންއިން މަންކީ ޕޮކްސް ފެތުރުމުގެ ފުރުސަތު ވެސް 84 ޕަސެންޓަށް ކުޑަވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޔޫރަޕްގައި ހަލުވި ކަމާއެކު މަންކީ ޕޮކްސް ފެތުރެމުން ދާތީ ޑަބްލިއުއެޗްއޯއިން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާ މިކަމަށް އެޅޭނެ ފިޔަވަޅުތައް މަޝްވަރާ ކޮށްފަ އެވެ. -- ބީބީސީ