ބޮލީވުޑް ސިނަމާގައި މަސައްކަތް ކުރީ އެތައް ފަންނާނުންނެއް މިހާރު ވަނީ ހޮލީވުޑްގައި ވެސް މަސައްކަތް ކުރަން ފަށައިފަ އެވެ.

އެގޮތުން އެންމެ ފަހުން ހޮލީވުޑްގެ ފިލްމެއް ކުޅެން ތައްޔާރު ވަނީ މަޝްހޫރު ތަރި އާލިޔާ ބަޓްގެ އެވެ. އާލިޔާ އޭނާގެ ފިލްމުގެ ޝޫޓިންއަށް އިނގިރޭސި ވިލާތަށް ދަތުރުފަށާފައިވާއިރު، އޭނާ ފެނިގެންދާނީ ސްޕައި ތުރިއްލާއެއް ކަމަށްވާ، "ހާޓް އޮފް ސްޓޯން" އިންނެވެ.

ހަމައެހެންމެ ކަންގަނާ ވެސް ހޮލީވުޑްގައި ފިލްމު ކުޅުމަށް ތައްޔާރުވަމުންދާކަމުގެ ހަބަރުތައް ދަނީ އިންޑިއާ ނޫސްތަކުގެ ފަލަ ސުރުހީތަކަށް އަރަމުންނެވެ.

އެގޮތުން އިންޑިއާގެ މަޝްހޫރު ކޮމިޑީ ޝޯއެއްކަމަށްވާ "ދަ ކަޕިލް ޝަރްމާ ޝޯ" ގައި މެހެމާނެއްގެ ގޮތުގައި ކަންގަނާ ގޮސްފައިވާއިރު، އޭނާ ވަނީ އެ ޝޯގައި، ހޮލީވުޑަށް ޑެބިއުޓް ކުރަން އުޅޭކަން އާންމުންނާ ހިއްސާކޮށްފަ އެވެ.

ބޮލީވުޑާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޝޯގައި ކަންގަނާ ބުނީ، އެ އިންޑަސްޓްރީއަށް ވެސް އެކި ގައުމުތަކުގެ މީހުން މަސައްކަތް ކުރަން އަންނަ ކަމަށެވެ. އަދި ބޮލީވުޑް ފިލްމުތަކަކީ ހަމައެކަނި އިންޑިއާ މީހުން ބަލާ އެއްޗެއް ނޫން ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ކަންގަނާއަކީ ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ކުޅެދިން ރީތި ފަންނާނެކެވެ. ހަމައެހެންމެ ފިލްމު އިންޑަސްޓްރީގައި ދިމާވާ އެކި ބޭއިންސާފު ކަންކަމަށް އަޑު އުފުލާ ފަންނާނެއްގެ ގޮތުގައި ކަންގަނާ ފާހަގަވެފައިވެ އެވެ.