މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްގެ މަގާމުގައި ހުންނެވި ޝަހުބާން ފަހުމީގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ތުހުމަތުކުރެވޭތީ އޭނާގެ މައްސަލަ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

ޝަހުބާންގެ މައްސަލަ ކޮމެޓީއަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ.

މި މައްސަލަ ހުށަހެޅުއްވުމަށް ފަހު އުޝާމް ވިދާޅުވީ މުޖުތަމައު ގަބޫލުކުރާ މިންގަނޑުން އަބުރުވެރި އަހްލާގް ރަގަޅު މީހެއްކަމަށްވުމަކީ މީޑިއާ ކައުންސިލްގެ މެންބަރުކަމުގެ ސިފަތަކުގެ ތެރޭގައި ގާނޫނުގައި ހިމެނޭކަމެއް ކަމަށެވެ. އެހެން ކަމުން މިހާރު ޝަހުބާން ކިބައިން ގާނޫނު ބުނާ މިންގަނޑަށް ނުފެތޭ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

"މަނީ ލޯންޑަރިންގެ ތުހުމަތަކީ ވަރަށް ސީރިއަސް ތުހުމަތެއް. ގާނޫނުގަ ބުނާ ސިފައެއް އުނިވުމަކީ މަގާމުން ވަކިވާނެ ހާލަތެއް، ގާނޫނުގައި ބުނާ ޝަރުތުތައް، ޝަހުބާންގެ މިހާރު ފުރިހަމަ ނުވޭ،" އުޝާމް ވިދާޅުވި އެވެ.

މީޑިއާ ކައުންސިލްގެ ގާނޫނުގައިވާ ގޮތުން އެ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވާނީ ފަސް ހާލަތެއް މެދުވެރިވުމުންނެވެ. އެއީ ދައުރު ހަމަވުމުން، އިސްތިއުފާދިނުމުން، ކައުންސިލުގެ މެމްބަރުކަމުން ވަކިކުރުމުން، މަރުވުން ނުވަތަ މެންބަރެއްގައި ހުރުމަށް އެ ގާނޫނު ލާޒިމުކުރާ ސިފައެއް އުނިވުމުންނެވެ.

ޝަހުބާން ފަހުމީ އާއި އޭނާގެ ބޭބެ އަލްހާން ފަހުމީ ހިމެނޭހެން އުފައްދާފައިވާ ކިންގްސް ކެޕިޓަލް ޕްރައިވެޓް ލިމިޓެޑުން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާ އުސޫލުތަކާއި ހިލާފަށް އާންމުކޮށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާ ކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން މިހާރުދަނީ ތަޙުގީގު ކުރަމުންނެވެ.

ސަންގު ޓީވީގެ ނިޢުސް ހެޑްގެ ގޮތުގައި މަސައްކަތްކުރާ ޝަހުބާން ވަނީ ފުލުހުން ތަހުގީގުކުރާ އެ މައްސަލައަށް އިންކާރުކޮށް، ކައުންސިލުން އިސްތިއުފާ ދޭން ދެކޮޅު ހަދައިފަ އެވެ.