ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ނެރެ ބޭރުކުރުމަށް ގޮވާލައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގެކޮޅު ކުރިމަތީގައި މުޒާހަރާކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލަމުންދާއިރު، އިދިކޮޅުގެ ސަޕޯޓަރުން ދަނީ މާލެ ސަރަހައްދުތަކުގައި މުޒާހަރާ ކުރަމުންނެވެ.

އެގޮތުން މިރޭ އިދިކޮޅުގެ ސަޕޯޓަރުން ވަނީ އެމީހުންގެ ކަންބޮޑުވުންތަކަށް އަޑުއުފުލުމަށް އ.ދގެ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެ ގެކޮޅު ކުރިމަތީގައި މުޒާހަރާކޮށްފަ އެވެ. އަދި އިންޑިއާ ސިފައިން ބޭރުކުރުމަށް ސަޕޯޓަރުން ގޮވާލާފައިވެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން މި ހަރަކާތް ފަށާފައިވާއިރު، އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ގަރާރެއް ނެރުއްވާފަ އެވެ.

ނަމަވެސް އެކަމަށް ރައްދުދެމުން އިދިކޮޅުން ބުނީ ބިރުދެއްކުމަށް ސަރުކާރުން ނެރޭ އެފަދަ ގަރާރަކުން އެ ހަރަކާތް ނުހުއްޓުވޭނެ ކަމަށެވެ.