އެމްއެންޑީއެފްގެ ބަޑި ގުދަނަށް އިންޑިއާ ސިފައިންގެ ބަޔަކު ވަދެފައިވާ ކަމަށް ބުނެ ފެތުރޭ ހަބަރަކީ ދޮގެއް ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

އެމްއެންޑީއެފްގެ ބަޑި ގުދަނަށް އިންޑިއާ ސިފައިން ވަދެ، އެ ތަނުގައި ހުރި ހަތިޔާރުގެ ތަފްސީލާއި އަދަދުތައް ބަލާފައިވާ ކަމަށް، އެމްއެންޑީއެފްގެ ކުރީގެ އިސްވެރިޔަކާ ހަވާލާދީ އެ ހަބަރު ވަނީ ފެތުރިފަ އެވެ.

މިހަބަރު ދޮގުކުރައްވާ އެމްއެންޑީއެފުން މިއަދު ބުނީ ދިފާއީ ބާރުގެ ހަތިޔާރުތަކާއި އެފަދަ ތަކެތީގެ ތަފްސީލަކީ އެއްވެސް ފަރާތަކަށް ދޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި ސިފައިންގެ ބަޑިގުދަނަށް ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ވަދެފައިނުވާ ކަމަށާ އަދި ނުވެސް ވަދެވޭނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެހެން ނަމަވެސް ސިފައިން ހަތިޔާރުގެ ތަމްރީނާއި، ހަތިޔާރު ހޯދުމާއި، ހަތިޔާރާ ގުޅޭ ޓެކްނިކަލް ސަޕޯޓު ބޭރު ގައުމުތަކުގެ އެހީގައި އަބަދުވެސް ހޯދަމުން ދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ބަޑި ގުދަނަށް އިންޑިއާ ސިފައިން ވަން ކަމަށް އެމްއެންޑީއެފްގެ ކުރީގެ އިސްވެރިއެއް ތުހުމަތު ކުރައްވާފައި ވާއިރު، އިދިކޮޅުން ދަނީ ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި، "އިންޑިއާ އައުޓް"ގެ ނަމުގައި ހަރަކާތްތައް ހިންގަމުންނެވެ.