މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށެވެ. އަދި އެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 7:47 ގަ އެވެ.

މެޓް އިން އެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 8:00 އިން ފެށިގެން މެންދުރު 12:00 އާ ހަމައަށެވެ.

އެ ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް މެޓް އިން ބުނެ އެވެ. އަދި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މޫސުމަށް ސަމާލުވުމަށް އިދާރާތަކުން އިލްތިމާސްކޮށްފައިވާއިރު، މިދުވަސްވަރު ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

އެގޮތުން ދަތުރަށް ފުރުމުގެ ކުރިން ދަތުރާ ބެހޭ މައުލޫމާތު އެންގުމާއި, އުޅަނދުތަކުގައި ލައިފްޖެކެޓާއި, މުވާސަލާތީ ނިޒާމާއި, ދިޔަ ހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ބެލުމަށް އިތުރުން ހާއްސަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައިވެ އެވެ.