ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގޭގައި "އިންޑިއާ އައުޓް" ޖަހައިފި އެވެ.

ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ވަނީ ކެނެރީގޭގެ ފާރުގައި "އިންޑިއާ އައުޓް" ޖަހާފައިވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އޭނާގެ ޓުވީޓާގައި އާންމުކޮށްފަ އެވެ. އަދި، އެވީޑިއޯގައި އެގޭގެ ފާރުގައި ފެހި ކުލައިން "އިންޑިއާ އައުޓް" ޖަހާފައިވެ އެވެ. އަދި އެ ވީޑިއޯ މިހާރު ދަނީ ސޯޝަލްމީޑިއާގައި އާންމުވަމުންނެވެ.

ރައީސް ނަޝީދުގެ ގެކޮޅުގައި އިންޑިއާ އައުޓް ޖަހާފައިވާއިރު، އެމަނިކުފާނު މިވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ ސަރުކާރުން އެމަނިކުފާނު ދިރިއުޅުއްވުމަށް ހާއްސަކުރައްވާފައިވާ ގެ ކަމަށްވާ މުރައިދޫގަ އެވެ.

"އިންޑިއާ އައުޓް" ހަރަކާތަކީ ރާއްޖޭގައި އިންޑިއާގެ ސިފައިން ގާއިމުވެ ތިބޭތީ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ހިންގާ ކެމްޕެއިނެކެވެ.

ނަމަވެސް އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ މި ހަރަކާތް ރައީސް ނަޝީދު ވަރަށް ބޮޑަށް ކުށްވެރިކުރައްވަ އެވެ.