ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރުޚާންއަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މުހިންމު ރޯލުތަކެއް ކުޅެދިން ކުޅަދާނަ ފަންނާނެކެވެ.

އާމިރުގެ އެކްޓިންގެ އިތުރުން، އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތަށް ވެސް ގިނަ ބަޔަކު ލޯބި ކުރެ އެވެ. އާމިރަކީ ގިނަ ބަޔަކު ރޯލް މޮޑެލް އެއްގެ ގޮތުގައި ނަގާ ތަރިއެއްކަމީ ޝައްކެއް ވެސް ނެތް ކަމެވެ. އަދި އޭނާގެ ހަޔާތާއި ގުޅޭ ކޮންމެ ކަމަކީ ވެސް ފޭނުން އޭގެ ހަގީގަތް ބަލައި ހޯދަން ބޭނުންވާ ކަންތައްތަކެވެ.

އެގޮތުން މީގެ އަހަރުތަކެއް ކުރިން އާމިރު އޭނާގެ ބޯ ބާލާފައިވާއިރު، އެކަންވެސް ވެގެން ދިޔައީ ގިނަ ބައެއްގެ ތުންތުން މަތިން ދެކެވެން ފެށުނު ވާހަކައަކަށެވެ.

އެކަމުގެ ހަގީގަތް އާމިރު، އާންމުންނާއި ހިއްސާކޮށްފައިވާއިރު، އޭނާ އެކަން ކުރީ އޭރު ލޯބިވި އަންހެން ކުއްޖަކު އޭނާގެ ލޯތްބަށް އިންކާރު ކުރުމުން ކަމަށް އާމިރު ވަނީ ބުނެފަ އެވެ. އަދި އޭގެ ސަބަބުން އޭނާ ގެއަށް ގޮސް އަމިއްލަ ބޯ ބޭލި ކަމަށާއި، އެހެން ނަމަވެސް އެއީ އޭނާއަށް ކުރެވުނު މޮޔަ ކަމެއްގެ ގޮތުގައި އޭނާ ސިފަކޮށްފައިވެ އެވެ.

އާމިރު އިތުރަށް ބުނީ، އޭނާ ބޯބޭލުމުން ގިނަ ބަޔަކު ހީކޮށްފައިވަނީ އެއީ ފިލްމެއްގެ ޝޫޓިންއަށް އޭނާ ކުރި ކަމެއް ކަމަށެވެ. ނަމަވެސް އާންމުންގެ އެ ހީކުރުން ގިނަ ދުވަސްތަކެއް ވަންދެން އެގޮތުގައި ބޭއްވިކަމަށް އޭނާ ބުނެފައިވެ އެވެ.