ދުބާއީގެ ވެރިޔާގެ އަނބިކަނބަލުން ޕްރިންސެސް ހަޔާ ގެންގުޅުނު ސިއްރު ލޯބިވެރިޔާއަކަށް އެ ގުޅުން ސިއްރުކޮށްފައި ބޭއްވުމަށް 1.3 މިލިއަން ޕައުންޑް ދިންކަން ހާމަވެއްޖެ އެވެ.

އޭނާގެ ބޮޑީގާޑްކަން ވެސް ކުރި މި މީހާއަށް ޕްރިންސެސް ހަޔާ ވަނީ 12،000 ޕައުންޑްގެ ގަޑިއަކާއި ގަދީމި ބަޑިއެއް ވެސް ހަދިޔާކޮށްފަ އެވެ.

ޕްރިންސެސް ހަޔާ އަކީ ބިލިއަނަރު ޝެއިހް މުހައްމަދު އަލް މަޚްތޫމްގެ ހަވަނަ އަނބިކަނބަލުންނެވެ. އޭނާ ސިއްރުން ދެ އަހަރުވަން ދެން ގުޅިގެން އުޅުނު ރަސެލް ފްލާވާއަށް އަގުބޮޑު އެތައް ހަދިޔާ ދީފައިވާ އިރު އޭނާ ދަތުރުކުރާ ކޮންމެ ތަނަކަށް ރަސެލް އައުމަށް މަޖުބޫރުކުރުވަ އެވެ.

ޕްރިންސެސް ހަޔާ އަދި ފަހަތުގައި ބޮޑީގާޑް ރަސެލް ފްލާވާ

ދެ އަހަރުވީ މި ގުޅުމުގެ ވާހަކަ ފެންމަތިވީ ލަންޑަންގެ ކޯޓެއްގައި ފިރިމީހާ، އަލް މަޚްތޫމް އާ ދެކޮޅަށް ކުރިއަށްދާ އަޑުއެހުމެއްގެ ތެރެއިންނެވެ. މި އަޑުއެހުންތަކަށް ފަހު ކޯޓުން އަމުރުކޮށްފައިވަނީ އެ ދެމީހުންގެ ދަރިން ޕްރިންސެސް ހަޔާ ގާތުގައި ބޭތިއްބުމަށެވެ.

މި ގުޅުން ފަޅާ އަރާ، ރަސެލް ފްލާވާގެ ހަތަރު އަހަރުވީ ކައިވެނި ވެސް ވަނީ ރޫޅިފަ އެވެ.