ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ފަނޑިޔާރު ހަމީދު މަގާމުން ވަކިކޮށްފައިވަނީ މިއަދު މިމައްސަލާގައި މަޖިލީހަށް ހުށަހެޅުނު ކޮމެޓީ ރިޕޯޓަށް ބަހުސް ކުރުމަށްފަހު ނެގުނު ވޯޓުގައެވެ. ހަމީދު ފަނޑިޔާރު ކަމުގެ މަޤާމުން ވަކި ކުރުމަށް 58 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. އޭނާ މަގާމުން ވަކި ކުރުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ ހަތް މެމްބަރުންނެވެ. އަދި ވަކިގޮތަކަށް ވޯޓު ނުދެއްވާ ތިން މެމްބަރުން ތިއްބެވި އެވެ.

ހަމީދު މަގާމުން ވަކި ކުރުމަށް ވޯޓަށް އެހިއިރު، އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ތްރީ ލައިން ވިޕެއް ވެސް ނެރެފަ އެވެ.

ޖޭއެސްސީން ވަނީ ފަނޑިޔާރު ޢަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމްވެސް މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވާފަ އެވެ. ނަމަވެސް ފަނޑިޔާރު ރައޫފް ވަނީ މަގާމުން އިސްތިއުފާދެއްވާފަ އެވެ.

ފަނޑިޔާރު ހަމީދުއާ މެދު ޖޭއެސްސީން ބަލާފައިވާ ސުލޫކީ މައްސަލަކީ 20،000 ރުފިޔާގެ ޑައުން ޕޭމަންޓަކަށް ކުރީގެ ހައުސިން މިނިސްޓްރީ މެދުވެރިވެ، މާލެއިން ފްލެޓް މި ދެ ފަނޑިޔާރުން ގާނޫނުއަސާސީއާ ހިލާފަށް ހޯދާފައިވާ ކަމަށް ބުނާ މައްސަލައެކެވެ.

ޖޭއެސްސީގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ނުވަތަ ފައިނަލް ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައެއް ނުވެ އެވެ. އަދި މި ގޮތުގެ މަތިން ތަހުގީގުކޮށް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން، މި ގޮތުގެމަތިން ހިންގާފައިވާ ތަހުގީގުތަކަކީ އިޖުރާއަތާ އެއްގޮތަށް ހިންގާފައިވާ ތަހުގީގުތަކެއްކަމަށް ޖުޑިޝަރީ ކޮމިޓީން ނިންމަވައި، ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ފާސްކުރައްވާފަ އެވެ.