މާލޭގައި ރޭ ހިނގި އެކްސިޑެންޓްގައި ޒަޚަމްވި ހެރިޓޭޖް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހުމަދު ހާޝިމްގެ ހާލު ސީރިއަސް ކަމަށާއި މިހާރު ވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް އޭޑީކޭއިން ބުނެފި އެވެ.

ހާޝިމް އެކްސިޑެންޓުވީ ރޭގެ ވަގުތެއްގައި ބޮޑުތަކުރުފާނު މަގު ޓޯޔާޑު ސަރަހައްދުގަ އެވެ.

ފުލުހުން ބުނީ މިއެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 8:23 ގައި ކަމަށެވެ. މިއެކްސިޑެންޓް ހިނގާފައިވަނީ ޓޯޔާޑު ސަރަހައްދުން ހާޝިމް ހިނގާފައި ދަނިކޮށް ސައިކަލަކުން ޖެހިގެން ކަމަށް ފުލުހުން ބުނެ އެވެ.

މި އެކްސިޑެންޓުގައި ދުއްވާފައިދިޔަ ސައިކަލުގައި ހުރި މީހާއަކީ ސައިކަލް ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މިއެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ހާޝިމްގެ ހާލަތާއި ބެހޭ ގޮތުން ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އިސްމާއިލް ނާއިލް ނަޝީދު ބައެއް މީޑިއާތަކުގައި ވިދާޅުވެފައި ވަނީ ހާޝިމް ފުރަތަމަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ޓެސްޓުތައް ހެދުމަށްފަހު، ދަންވަރުގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށާއި އޭނާ މިހާރު އޮތީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށެވެ.

އެ އެކްސިޑެންޓާ ގުޅިގެން ހާޝިމްގެ ސިކުނޑިއަށް ލޭ އެޅި، މޭ މަތިން ދެ ކަށިގަނޑެއް ބިއްދައިގެން ގޮސްފައިވާ ކަމަށެވެ. އަދި ސާޖަރީއެއް ހެދުމަށް މިހާރު މަޝްވަރާކުރެވެމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް އެކަން ގޮތަކަށް ނިމިފައިނުވާ ކަމަށް އާއިލާއާ ހަވާލާދީ ނާއިލް ވިދާޅުވި އެވެ.