ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އެސްޓީއޯއިން އެކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދޭން އަޅަން ފެށި ފްލެޓްތަކުގެ މަސައްކަތް ނިންމަން ބަޔަކާ ހަވާލުކޮށްފި އެވެ.

އެސްޓީއޯއިން ބުނީ ހިޔާ މަޝްރޫއުގެ ދަށުން އެކުންފުނިން އަޅާ 15 ބުރީގެ ދެ ޓަވަރުގެ މަސައްކަތް ނިންމަށް މިހާރު އިންޑިއާގެ ރިނާޓަސް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ނިންމަން ފައިނޭންސް އުސޫލުން އެކުންފުންޏާ ހަވާލުކޮށްފައިވަނީ 18 މަސައްކަތް ނިންމުމަށް ކަމަށް އެސްޓީއޯއިން ބުނެ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެސްޓީއޯގެ މުވައްޒަފުންނަށް ހާއްސަ ފްލެޓްތަކުގެ މަސައްކަތް ފެށީ 2018 ގައި އެމްސީޖީ ޗައިނާ މިލީނިއަމް ޑިވެލޮޕްމަންޓް ގްރޫޕުންނެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެސްޓީއޯއިން 2018 ގައި ހަދަން ފެށި 304 ކޮޓަރީގެ ދެ ޓަވަރުގެ މަސައްކަތް 2019 ގެ ކުރީ ކޮޅުގައި ވަނީ ހުއްޓިފަ އެވެ. އޭރު އެމަސައްކަތް ކުރަމުން ގޮސްފައިވަނީ އެމްސީޖީ ޗައިނާ މިލީނިއަމް ޑިވެލޮޕްމަންޓް ގްރޫޕުންނެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަންނަނީ ދެވަނަ ފިޔަވަހީގައި ފްލެޓު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ސްޓެލްކޯ އާއި އެމްއޭސީއެލް އަދި އެމްޕީއެލްގެ އިތުރުން އެމްޑަބްލިއުއެސްސީ ފްލެޓުތަކުގެ މަސައްކަތް އޮތީ ނިމުމަކާ ގާތުގަ އެވެ.