ގައުމަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ، ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޖޯ ބައިޑެންއާ ވެރިކަން ހަވާލުކުރުން ކަމަށް ވިދާޅުވެ، ވެރިކަން ބަދަލުކުރުމުގެ ކަންތައްތައް ފެށުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ އެއްބަސްވެވަޑައިގެންފި އެވެ.

ބައިޑެން އިންތިހާބު ކާމިޔާބުކުރެއްވިތާ އެތައް ހަފުތާއެއް ފަހުން، ޓްރަމްޕް ވަނީ ވެރިކަން ހަވާލުކުރުމުގެ ކަންތައްތައް ކުރިޔަށް ގެންދިއުމަށް ޖެނެރަލް ސާވިސެސް އެޑްމިނިސްޓްރޭޝަން (ޖީއެސްއޭ) އަންގަވައިފަ އެވެ.

ޖީއެސްއޭގެ އެޑްމިނިސްޓްރޭޓަ އެމިލީ މާފީ ބައިޑެންއަށް ވިދާޅުވީ ފެޑްރަލް ފަންޑްސްގައި ހުރި އެތައް މިލިއަން ޑޮލަރަކާއި އެހެނިހެން ވަސީލަތްތައް ބޭނުންކުރެއްވުމުގެ ހުއްދަ ދެއްވާ ކަމަށެވެ.

މިމަހުގެ ތިންވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބައިޑެން ކާމިޔާބުކުރި ނަމަވެސް ޓްރަމްޕް ވަނީ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހަދައި ބައިޑެން ކާމިޔާބު ކުރި އެންމެ ފަހުގެ ހަތަރު ސްޓޭޓެއްގެ ވޯޓު އަލުން ގުނަން ކޯޓު މެދުވެރިކޮށް ހުށަހަޅައިފަ އެވެ. އެ ގޮތުން ތަކުރާރުކޮށް ގުނައިގެން ވެސް ޓްރަމްޕަށް ކުރި ލިބޭ ގޮތެއް ނުވި އެވެ.

ޓްރަމްޕް ބަލި ގަބޫލެއް ނުކުރެއްވި ނަމަވެސް އިންތިހާބުގެ ރަސްމީ ނަތީޖާއިން މޮޅުވިކަން އެނގިވަޑައިގެންނެވުމާއެކު ބައިޑެންވަނީ ކޮވިޑް-19އާ ދެކޮޅަށް މަސައްކަތްކުރާނެ ޓާސްކް ފޯހެއް އެކުލަވާލައްވައިފަ އެވެ. އަދި އޭގެ ފަހުން ކެބިނެޓާއި ސަރުކާރުގެ މުހިންމު މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވަން ވެސް ފައްޓަވާފައިވެ އެވެ.

ޖެނުއަރީ 20 ގައި ބައިޑަން ހުވާ ކުރުމުގެ ތައްޔާރީތައް ކުރިއަށްދާއިރު ޓްރަމްޕުގެ ކޭމްޕުން ގެންދަނީ ސްވިންގް ސްޓޭޓްތަކުގެ ވޯޓް ސެޓިފައިކުރުން ލަސްކުރުމަށް މަސައްކަތް ކުރަމުންނެވެ.

ޑޮނާލްޑް ޓްރަމްޕް މި އިންތިހާބުން ބަލިވެފައިވާ އިރު ލިބިވަޑައިގެންފައިވަނީ 232 އިލެކްޓޯރަލް ވޯޓެވެ. ބައިޑެންއަށް 306 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފައިވެ އެވެ.