އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓު ކޯލީ އާއި އަންހެން ދަރިފުޅު ވަމީކާއާ އެކު ރާއްޖޭގައި ނަގާފައިވާ ރީތި ބީޗް ފޮޓޯތަކެއް ބޮލީވުޑްގެ މަޝްހޫރި އެކްޓަރެސް އަނުޝްކާ ޝަރްމާ ހިއްސާކޮށްފި އެވެ.
އަނުޝްކާ އާއި ވިރާޓު ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސްފައިވަނީ ކޮން އިރަކު ކަމެއް ނުބުނެ އެވެ. އަދި އެ މީހުން ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓެއްގައިކަން ވެސް ހާމަކޮށްފައިނުވެ އެވެ.
އެގޮތުން އަނުޝްކާ ވަނީ އޮރެންޖް ކުލައިގެ ސްވިމްސޫޓަކާއި ޓޮޕެއް ލައިގެން ގޮނޑުދޮށެއްގައި ނަގާފައިވާ ބައެއް ފޮޓޯތައް ހިއްސާކޮށްފަ އެވެ. އެ ފޮޓޯތަކުގައި އަނުޝްކާ ގޮނޑުދޮށުގައި ހުރެގެން ކެމެރާއަށް ޕޯޒް ކުރަނީ ފަހަތުގައި މޫދު އަރާ ގޮތަށެވެ.
އަނުޝްކާ ފޮޓޯއާއެކު ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ "އަމިއްލަ ފޮޓޯ ނެގުމުގެ ނަތީޖާ.." މިހެންނެވެ.
ވިރާޓު ވެސް ވަނީ ބީޗުގައި އިށީނދެ އިނދެ ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ޝެއާކޮށްފަ އެވެ.
އަނުޝްކާ ޗުއްޓީ އަށް އައިސްފައި މި ވަނީ އެންމެ ފަހުން ކުޅުނު 2018 ގެ ފިލްމު "ޒީރޯ" އަށް ފަހު، ކުޅެން ފެށި ފުރަތަމަ ފިލްމު "ޗަކްދާ އެކްޕްރެސް" ގެ ޝޫޓިން ވެސް މިދިޔަ މަހުގެ ތެރޭގައި ފަށާފައި ވަނިކޮށެވެ. މި ފިލްމަކީ އިންޑިއާގެ ކުރީގެ އަންހެން ކްރިކެޓް ތަރި ޖޫލާންގެ ގޮސްވާމީގެ ރޯލު އަކުޝްކާ ކުޅޭ ސްޕޯޓްސް ބައޮގްރަފިކަލް ޑްރާމާއެކެވެ.
އަނުޝްކާ، 34، ބޮލީވުޑަށް ނުކުތީ ޝާހްރުކް ޚާނާ އެކީ 2008 ގެ "ރަބް ނެ ބަނާދީ ޖޯޅީ" އިންނެވެ. އޭގެ ފަހުން އޭނަ މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި ޝާހްރުކާ އެކީ ކުޅުނު "ޖަބް ތަކް ހެ ޖާން" އާއި އާމިރު ޚާނާ އެކު ކުޅުނު "ޕީކޭ" އާއި ސަލްމާން ޚާނާ އެކު ކުޅުނު "ސުލްތާން" އާއި ރަންބީރް ކަޕޫރާ އެކީ ކުޅުނު "އޭ ދިލް ހެ މުޝްކިލް" ފާހަގަކޮށްލެވެ އެވެ.