ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އާންމުނަށް ދެތު މައުލޫމާތު ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ސިއްހީ އޮފިޝަލުން ބުނެފި އެވެ. ކޮވިޑް ވެކްސިން ޖެހުމުން ހަށިގަނޑަށް އަތުވެދާނެ ބަދަލުތަކާ ބެހޭ ގޮތުން އޮޅުންފިލުވައިދޭން ޖެހެނީ ބިރުކަނޑުވާލުމަށް ކަމަށް ވެސް ސިއްހީ މާހިރުން ބުނެ އެވެ.

ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގައި – އެންމެ ކުރީގައި އުޅެނީ ފައިޒާ އާއި މޮޑާނާ އެވެ. އާންމު ފަރުވާ އަށް ނެރުމާ ހަމާގައި އުޅޭ މި ދެ ވެކްސިން ވެސް، ފަރުވާ ފުރިހަމަކުރުމަށް ދެ ޑޯޒް ދޭންޖެހެ އެވެ. ސިއްހީ މާހިރުން ދެކޭ ގޮތުގައި، ވެކްސިނާ ބެހޭ ގޮތުން ރަނގަޅު މައުލޫމާތު ލިބިފައިނެތް ބަޔަކު، ދެވަނަ ޑޯޒަށް އިންކާރުކޮށްފާނެ އެވެ. ނުޖަހަން ގަދަދައްކަފާނެ އެވެ.

ކޮރޯނާވައިރަސް ވެކްސިން އަޖުމަބެލުމުގެ މަރުހަލާތަކުގައި، ތަޖުރިބާކުރި މީހުން ކިޔައިދިން ގޮތުގައި، ވެކްސިން ޖެހުމަކީ ކުޑަވަރެއްގެ ބަލިމަޑުކަމެކެވެ. ކޮވިޑް-19 ޖެހުމުން ތަހަންމަލުކުރަން ޖެހޭ ކަންތައްތައް – ހުންއައުމާއި، ގައިގައި ރިއްސުން، ބޮލުގައި ރިހުން އަދި ނޭވާކުރުވުން – ވެކްސިން ޖެހުމުން މެދުވެރިވެ އެވެ. އެހެން ނަމަވެސް އެ ހާލަތު ދިގުދެމިގެން ނުދެ އެވެ. ބައެއް މީހުންގެ ހާލަތު ވަރަށް އަވަހަށް ރަނގަޅުވާއިރު، އެއް ދުވަސް ތެރޭގައި އުނދަގޫ ފިލައި ދެ އެވެ. މިއީ އަސްލު ބަލި ޖެހުމަށް ވުރެ ލުއި ތަޖުރިބާއެކެވެ.

ވެކްސިން ޖެހުމަކީ އާންމު ހާލަތުގައި ވެސް ތަކުލީފެކެވެ. ކުޑަކުދިން ޅަ އުމުރުގައި ފުރިހަމަކުރަން ޖެހޭ ވެކްސިން – ޑީޕީޓީ، ޕެންޓަވެލަންޓް އަދި އިޚްތިޔާރީ ވެކްސިން "މެނިންޖައިޓިސް" ދިނުމުން ވެސް ހުންއައިސް ގައިގައި ރިއްއސަ އެވެ. ޑޮކްޓަރުން ބުނާ ގޮތުގައި އެއީ ވެކްސިން ރަނގަޅަށް މަސައްކަތްކުރާ ކަމުގެ އަލާމާތެކެވެ؛ ހަށިގަނޑުގެ ދިފާއީ ނިޒާމު – އެ ބައްޔަކާ ދެކޮޅަށް ހަމަލާދޭތީ ވާ ގޮތެކެވެ.

ކޮވިޑް ވެކްސިން ޖެހުމުން ވެސް ހުންއާދެ އެވެ. ގައިގައި ރިހެ އެވެ. އަދި މި ނޫން ތަކުލީފުތައް ވެސް ޖެހެ އެވެ. ވެކްސިން އަޖުމަބެލި މީހުންގެ ތެރެއިން، އެކި މީހުން ތަޖުރިބާކޮށްފައި ވަނީ އެކި ހާލަތެވެ. ބައެއް މީހުން ބޮލުގައި ރިހޭ ކަމަށް ބުނިއިރު އެއީ މައިގްރޭން ކަމަށް ވެސް ބައެއް މީހުން ސިފަކުރި އެވެ.

ކޮވިޑް ވެކްސިން ދިނުމުގައި – ސިއްހީ އޮފިޝަލުންގެ ލަފަޔަކީ – ގޭބިސީތައް ބަހާލުމެވެ. އެއް އާއިލާ އަކަށް އެއް ދުވަހު، އެއްފަހަރާ ނުދިނުމެވެ. އެއީ އެންމެން ބަލިވެ، ބަލިވާ މީހާ އަށް އަޅާލާނެ މީހަކު ނުހުރެދާނެތީ އެވެ.