އިންޑިއާ ބަޔަކު ދިރިއުޅޭ ފ. ދަރަނބޫދޫގެ ކުރީގެ މިސްކިތުގެ ވީޑިއޯ އާންމުކުރީ ވަކި ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުންދާ އެ މިސްކިތުގައި އެމީހުން ނުބޭތިއްބުމަށް ނިންމާފައިވާއިރު، އެކައުންސިލުން އެފަދައިން ނިންމީ އެރަށުގައި ބަންދުކޮށްފައިވާ މިސްކިތެއްގައި އިންޑިއާ ބަޔަކު ދިރިއުޅޭ ކަމުގެ މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.

އެގޮތުން އެ މިސްކިތުގައި 200 އެއްގައި އިންޑިއާ މީހުން ނިދާ ކަމަށް މައުލޫމާތު ލިބޭއިރު، މިސްކިތުގެ ބޭރުގައި އަންނައުނު އަޅާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ސޯޝަލްމީޑިއާގައި ވަނީ އާންމުވެފަ އެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، އެ މިނިސްޓްރީން އާންމުކުރި ބަޔާނެއްގައި ބުނީ، ދަރަނބޫދޫގައި ގާއިމްކުރެވުނު އައު މިސްކިތް ބޭނުން ކުރަން ފެށުމާއެކު ކުރީގެ މިސްކިތް ބަންދު ކޮށްފައިވާކަމަށެވެ. އަދި އެ މިސްކިތް ގުރުއާން ކްލާހެއް ހިންގުމަށް އެރަށު ކައުންސިލާއި ހަވާލުކުރެވުނު ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އެރަށު ކައުންސިލުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ، ސޯޝަލްމީޑިއާގައި އާންމުކުރި ވީޑިއޯތަކަކީ ވަކި ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް އާންމުކުރި ވީޑިއޯތަކެއް ކަމަށެވެ. އަދި އެއީ އެރަށު ކައުންސިލާއި، އެރަށުގެ ރައްޔިތުންނާއި ސަރުކާރު ބަދުނާމު ކުރުމަށް ކޮށްގެން އުޅޭ ކަމެއް ކަމަށް ކައުންސިލުން ތުހުމަތުކޮށްފައިވެ އެވެ.

"ކައުންސިލްއިން ނިންމާފައި ވަނީ މި އިމާރާތުގައި މީހުން ދިރިއުޅުމަށް ކުއްޔަށް ދޫކުރަމުން އައި އައުން ނިމުމަކަށް ގެނެސް ކުރިއަށް އޮތް ތަނުގައި މިފަދަ ބޭނުންތަކަށް ދޫނުކުރުމަށެވެ،" ދަރަނބޫދޫ ކައުންސިލްގެ ބަޔާނުގައިވެ އެވެެ.