ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން ދިއުމާއި ގުޅިގެން ބަލި ފެތުރުނަ ނުދީ ކޮންޓްރޯލްކޮށް، ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ ޖޫން މަހުގެ ދެވަނަ ހަފްތާއާ ބަލައި ޖޫން މަހުގެ ތިން ވަނަ ހަފްތާގައި 185 އިންސައްތައަށް ކޮވިޑްގެ ކޭސްތައް އިތުރުވެފައިވާކަމަށެވެ. ހަމައެހެންމެ ކޮވިޑަށް ފަރުވާކުރުމަށް ހޮސްޕިޓަލުގައި އެނދުމަތި ކުރާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި، މިމަހު އެކަނިވެސް ކޮވިޑު ޖެހިގެން ތިން މީހަކު ނިޔާވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

ކޮވިޑުގެ ކޭސްތައް އިތުރުވަމުންދާތީ، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އެއާޕޯޓްތަކުގައާ، ފެރީ ޓާމިނަލްތަކާއި އެހެނިހެން ވެސް ދަތުރުފަތުރު ކުރާ ވަސީލަތްތަކުގައި އުޅޭއިރު މާސްކު އެޅުމަށް އެޗްޕީއޭއިން އަންގާފައިވެ އެވެ. އަދި އޮފީސްތަކާއި ސްކޫލް، އަދި ކޮލެޖްތަކާއި، ފިހާރަތަކުގައި އުޅޭއިރު މާސްކު އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެޗްޕީއޭއިން އަންގާފައިވެ އެވެ.

ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހައި ރިސްކު މީހުން ގިނަ ވާނެކަން ފާހަގަކޮށް އެޗްޕީއޭއިން ވަނީ ބަލި މީހުންނާއި ހޮސްޕިޓަލުގައި މަސައްކަތް ކުރާ ސްޓާފުންގެ ރައްކާތެރިކަމަށް ބަލައި މާސްކު އެޅުމަށްވެސް އިލްތިމާސްކޮށްފަ އެވެ. އަދި ކޮވިޑުގެ އަލާމާތެއް ފެންނަ ކަމަށްވާނަ މާސްކު އަޅައި ގޭގައި އެކަހެރިވެ، ކޮވިޑު ޓެސްޓުކުރުމަށް އަންގާފައިވާއިރު، ބަލި މީހުންނާ އެކުދާ އެހީތެރިން މަދު ކޮށް، އެތަންތަނަށް ކޮންމެހެން ދާން ޖެހިގެން ނޫނީ ނުދިއުމަށް އެޗްޕީއޭއިން އަންގާފައިވެ އެވެ.