އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތުގެ މަރުގެ ތަހުގީގުން ފެންމަތިވި މަސްތުވާތަކެތީގެ މައްސަލާގައި ރިއާ ޗަކްރަބަތީ އާއި އޭނާގެ ކޮއްކޮ ޝޯއިކް ޗަކްރަބަތީގެ މައްޗަށް ދައުވާ ކުރުމަށް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އިން ކޯޓަށް ހުށަހަޅައިފި އެވެ.

މިމައްސަލާގައި ރިއާ އާއި އޭނާގެ ކޮއްކޮ ޝޯއިކް 2020 ވަނަ އަހަރު ހައްޔަރުކޮށް، ތަހުގީގު ކޮށްފަ އެވެ.

އެންސީބީ އިން ވަނީ މިމައްސަލާގައި ގިނަ ބޮލީވުޑްގެ ތަރިންނާ ސުވާލުވެސް ކޮށްފަ އެވެ.

ސްޕެޝަލް ޕަބްލިކް ޕްރޮސެކިއުޓާ އަތުލް ސަރްޕަންޑޭ ބުނެފައިވަނީ ރިއާގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ދައުވާ އުފުލާފައިވާ ކަމަށެވެ. އަދި ރިއާ އާއި ޝޯއިކްގެ މައްޗަށް މަސްތުވާތަކެތި ވިއްކުމުގެ ދައުވާވެސް އުފުލާފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ރިއާ އާއި ޝޯއިކްގެ އިތުރުން މިމައްސަލާގައި ވަނީ އިތުރު ބައެއްގެ މައްޗަށްވެސް ދައުވާ ކުރުމަށް ފޮނުވާފައިވާ ކަމަށް އެންސީބީއިން ހާމަކުރެ އެވެ.

ރިއާ ޗަކްރަބޯތީ މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުން ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާ ނަމަވެސް ކަފާލާތުގެ ހުއްދަ ދިނުމުގެ ކުރިން އޭނާގެ ބޭބެ ޝޯއިކް ވަނީ މަސްތަކެއް ވަންދެން ހައްޔަރުކޮށްފަ އެވެ.

ސުޝާންތު ސިންގް ރާޖްޕޫތު މަރުވެފައިވަނީ 2020 ވަނަ އަހަރު ޖޫން މަހުގެ 14 ވަނަ ދުވަހު މުމްބާއީގައި ހުންނަ އޭނާގެ ބަންދްރާ އެޕާޓްމަންޓްގަ އެވެ.