ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ގާނޫނީ ވަކީލް ނާޒިމް ސައްތާރުގެ ޓްވީޓާ އެކައުންޓުން ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކޮށްފައިވާ މައްސަލައެއް ރައްޔިތުންގެ އިއްތިހާދުން ފުލުހަށް ހުށަހަޅައިފި އެވެ.

ފުލުހުން ބުނީ ރަސޫލާﷺ އަށް ނާޒިމް ފުރައްސާރަ ކުރި މައްސަލައެއް މިއަދު އެ އިދާރާ އަށް ހުށަހަޅާފައި ވާތީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ. މިކަމާ ގުޅިގެން ނާޒިމް ވަނީ މި ތުހުމަތު ދޮގުކުރައްވައި ރަސޫލާއަށް ފުރައްސާރަކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ އިއްތިހާދުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ލޮބުވެތި ނަބިއްޔާ މުހައްމަދު ﷺ އަށް މަލާމާތާއި ފުރައްސާރަކޮށް 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ގަޑިން 10:59ގައި ނާޒިމްގެ ޓްވީޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއް އެ އިއްތިހާދުގެ ސަމާލުކަމަށް އައި ކަމަށެވެ. އަދި އެކަމާއި ގުޅިގެން ރައްޔިތުންގެ އިއްތިހާދުގެ ތަހްގީގީ ޓީމުން ބެލިބެލުމުގައި މިއަދު ހެނދުނު ގަޑިން 8:25އާ ހަމައަށްވެސް އެ ޓްވީޓް ލައިވްކޮށް ފެންނަން އިންކަމަށާއި ނަމަވެސް 8:27ގައި ބެލިއިރު އެޓްވީޓު ޑިލީޓްކޮށްފައިވާކަން ފާހަގަކުރެވުނުކަމަށެވެ.

ރައްޔިތުންގެ އިއްތިހާދުން ބުނީ ޓްވީޓާގައި ލިޔާ އެއްޗެހި ޑިލީޓް ކުރިއަސް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ތަހްގީގުކުރުމަށްޓަކައި އެ ޓްވީޓްތައް އަލުން ހޯދޭނެ ވަރަށް ގިނަ ގޮތްތައް ހުންނާނެކަމަށާއި އަދި ފުލުހުންގެ އިދާރާއަށް އެކަމަކީ ފަސޭހައިން ކުރެވޭނެކަމެއްކަމަށް ގަބޫލު ކުރެވޭކަމަށެވެ. މީގެއިތުރުން ނާޒިމްގެ ޓްވީޓަ އެކައުންޓުން ހިންގާފައިވާ މި އަމަލަކީ ގާނޫނު އަސާސީގެ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ގާނޫނުގެ ދަށުން އެ ގާނޫނޫ ތަންފީޒުކުރުމަށް ހަދާފައިވާ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވައިދުގެ ހަތަރު ވަނަ މާއްދާގައި ދީނީ ތަގްރީރުކުރުމާއި ދީނީ ވާހަކަ ދެއްކުމުގައި އިސްލާމީ ވަހުދަތު ދެމެހެއްޓުމުގެ ނުކުތާ އާ ކަނޑައެޅިގެން ހިލާފު ބޮޑުވެގެންވާ ކުށެއްކަމުގައިވާތީ މިކަން ތަހްގީގުކޮށް ބަކައި ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ޖެހޭކަމަށްވެސް ރައްޔިތުންގެ އިއްތިހާދުން ބުނެފައިވެ އެވެ.

ނާޒިމްގެ މިފަދަ މައްސަލައެއް ފުލުހަށް ހުށަހެޅިފައިވާއިރު ނާޒިމްއާއި ބިދޭސީ ޒުވާން ފިރިހެނަކު މާލޭގެ ގެއެއްގައި އެއްޖިންސުން ގުޅުން ހިނގާތަން ފެންނަ ވީޑިއީއެއްވެސް އިއްޔެ މީސްމީޑިއާގައި ވަނީ ދައުރުވެފަ އެވެ. މިމައްސަލައިގައި އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވެ އެވެ. އަދި އޭނާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފަ އެވެ.