މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން 2014ގައި ގެއްލުވާލި މައްސަލައާ ގުޅިގެން މިއަދު މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައިއިސްމާއިލް އަބްދުއްރަހީމް (އިސޫ) ގެ އިތުރުން މއ. ފާނގަފިލާ، އަހްމަދު އިސްމާއިލް (އަހަނދު) ވެސް ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ކޮންއިރަކު ކަމެއް ސާފެއް ނުވި އެވެ.

އަހަނދުއަކީ މަސްތުވާތަކެތީގެ ރެކޯޑާއި، ސީރިއާ އާއި ޕާކިސްތާނަށް މީހުން ފޮނުވާ ކަމަށް ފުލުހުން ތުހުމަތުކުރާ މީހެކެވެ.

އިސޫ ހައްޔަރުކުރީ ބަޔަކާ އެކު ކާނިވަލުގައި އިންދަ އެވެ. އިސޫ ހައްޔަރުކުރަން އަމުރެއް ހޯދަން އުޅޭކަން އެނގުމާ އެކު، އޭނާ ދިރިއުޅޭ ހިޔާ ފްލެޓަށް ނޫސްވެރިންތަކެއް އިއްޔެ ގެންދިޔަ އެވެ. އޭގެ ފަހުން، އަމިއްލަ އަށް ހާޒިރުވާން ކަަމަށް ބުނެ ފުލުސް އޮފީހަށް ވެސް ރޭ ދިޔަ އެވެ.

އެނގިފައިވާ ގޮތުގައި އިސޫ ހައްޔަރުކުރަން އެދުނީ މަރު ކޮމިޝަނުން ހިންގާ ތަހުގީގަށް ލިބުނު ކުރިއެރުންތަކަކާ ގުޅިގެންނެވެ.

އޭނާ އަކީ މީގެ ކުރިން ސީރިއާގައި ހިނގަމުން ދިޔަ ހަނގުރާމައަށް ތުރުކީ މަގުން އެ ގައުމަށް ދާން އުޅެނިކޮށް ހިފެހެއްޓި މީހެކެވެ. އޭނާ ފަހުން ތުރުކީން ރާއްޖެއަށް ޑީޕޯޓުކޮށްލީ އެވެ.

ރިލްވާންގެ މައްސަލައިގައި މަރު ކޮމިޝަނުން ރިޕޯޓު ނެރުނު ފަހުން، ފުލުހުން ތަހުގީގަށް 2019ގައި މާލެ އާއި އައްޑޫގައި ހިންގި ހާއްސަ އޮޕަރޭޝަނުގައި އިސްމާއިލް އަބްދުލްރަހީމް ދިރިއުޅުނު ގެ ވެސް ބަލައި ފާސްކުރި އެވެ.އިސްމާއިލް އަބްދުލްރަހީމް ހައްޔަރު ކުރަން އުޅޭ ކަމުގެ މައުލޫމާތު އިއްޔެ ވަނީ ފުލުހުންގެ ތެރެއިން ލީކުވެފަ އެވެ. އޭނާ ހައްޔަރު ކުރަން އުޅޭކަން އެނގިގެން އިސްމާއިލް އަބްދުލްރަހީމް ޓްވީޓު ވެސް ކުރި އެވެ.