ފަހަކަށް އައިސް އާންމުވަމުންދާ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުގައި ފެންނަ އެ އަމަލު ހިންގާ ކޮޓަރީގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ހުއްޓައި ނަގާފައި ވަނިކޮށް ލީކްކޮށްލާފައިވާ ފޮޓޯއާ ގުޅޭގޮތުން އޭނާ ދެެއްކި ވާހަކަ ރައްޔިތުން ގަބޫލެއް ނުކުރި އެވެ.

ކާނަލް ނަޝީދު މިރޭ ވިދާޅުވިގޮތުގައި އެ ކޮޓަރިއަށް އޭނާ ދިޔައީ ވިޔަފާރި ބައްދަލުވުމަކަށް ކަމަށް ބުނެ އެވެ. އަދި އެ ކޮޓަރީގައި ޖިންސީ ގުޅުން ނުހިންގާ ކަމަށް ވެސް ކާނަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފޮޓޯތައް ލީކްކޮށްލާނެ ކަމުގެ ބިރު ދައްކައިގެން ދެ ލައްކަ ޑޮލަރު ހޯދަން ޑިމާންޑް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑު ބުނިން ލީކްކޮށްލާށޭ. ލާރިއެއް ނުލިބޭނެއޭ. އަޅުގަނޑުގެ ބަރަހަނާ ފޮޓޯއެއް ނުހުންނާނެ އިރާދަކުރެއްވިއްޔާ. މޮޅަށް ދެނެވޮޑިގެންވާނީ ﷲއަށް،" ކާނަލް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް އޭނާގެ ވާހަކަ ރައްޔިތުން ގަބޫލެއް ނުކުރެ އެވެ. ޓްވިޓާ އާއި ފޭސްބުކުގައި ގިނަ ބަޔަކު އަންނަނީ ކާނަލް ނަޝީދަށް ފާޑުކިޔަމުންނެވެ.

އެގޮތުން ބައެއް މީހުން ބުނީ ވިޔަފާރި ބައްދަލުވުމަކަށް ގެސްޓް ހައުސްއެއްގެ ކޮޓަރިއަށް ދާންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި މީހަކު ގުޅާފަ ބުނާއިރަށް ވިޔަފާރި ބައްދަލުވުމަކަށް ގޮތް ނޭނގޭ ކޮޓަރިއަކަށް ދާންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.

މީގެއިތުރުން އެކަން ހިނގުމާއެކު ވަގުތުން އެ ވާހަކަ ނުދައްކައި ހުރީ ކީއްވެތޯ ބައެއް މީހުން އޭނައާ ސުވާލު ކުރެ އެވެ.

"މިއޮއް ހުރިހާ ދުވަހު ކީއްވެތޯ އެ ވާހަކަ ނުދައްކައި ހުރީ. ކުއްލިއަކަށް ފޮޓޯ ލީކްވީމަތޯ ދިފާއުގައި ވާހަކަ ދައްކަންވީ،" ސޯޝަލް މީޑިއާގައި މީހަކު ޝުއޫރު ފާޅުކުރި އެވެ.

ކާނަލް ނަޝީދުގެ ވާހަކަ މީހުން ގަބޫލުނުކުރާ އަނެއް ސަބަބަކީ އެ ކޮޓަރީގައި މަތިން ހުސް ގަޔާ ހުރި ފިރިހެނަކާއެކު އޭނާ ހުރުމުންނެވެ. މީގެއިތުރުން 2006 ވަނަ އަހަރު ދަރުމަވަންތަ ސްކޫލްގެ ޓީޗަރަކަށް ކާނަލް ނަޝީދު އުޅުނުއިރު ފިރިހެން ކުއްޖަކާ ބެހުނު މައްސަލައެއް ފުލުހުން ތަހުގީގުކޮށްފައިވާކަން ވެސް ބައެއް މީހުން ފާހަގަކޮށްފައިވެ އެވެ.