ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކެއިފްއަށް މަޝްހޫރު ތަރި ރިތިކު ރޯޝަންގެ ތުނބުޅި ރީތިވެއްޖެ އެވެ.

ކެޓްރީނާ އޭނާގެ އިންސްޓަގްރާމަށް ދޫކޮށްލި ސްޓޯރީއެއްގައި ރިތިކަށް ޓެގްކޮށްފައިވާއިރު، އޭނާއަށް ރިތިކުގެ ތުނބުޅި ވަރަށް ކަމުދާ ކަމަށް ބުނެފައިވެ އެވެ.

ރިތިކުގެ އެ ސްޓައިލަށް މީގެ ކުރިން ވެސް ގިނަ ތަރިންގެ ތައުރީފު ލިބެމުންދާއިރު، ކެޓްރީނާ ވަނީ ރިތިކުގެ ސްޓައިލަށް ތައުރީފުކޮށް، އޭނާގެ ސްޓޯރީގައި ވިކީ ވެސް ޓެގުކޮށްފަ އެވެ.

އެއާއެކު ކެޓްރީނާ ބޭނުންވަނީ ވިކީވެސް ރިތިކް ފަދައިން ތުނބުޅި ބަހައްޓަން ކަން އެ ޕޯސްޓުން ދޭހަވެ އެވެ. އެ ޕޯސްޓަށް ރިއެކްޓުކުރަމުން ވިކީ ބުނީ، ރިތިކާއެކު އޭނާ މަޝްވަރާ ކުރަން ޖެހިފައިވާ ކަމަށެވެ.

ވިކީ އާއި ކެޓްރީނާގެ ޖޯޑަކީ ގިނަ ބައެއްގެ ލޯތްބާއި މަގުބޫލުކަން ހޯދާފައިވާ ޖޯޑެކެވެ.

ކެޓްރީނާއާއި ވިކީ ކައިވެނިކުރީ ރާޖަސްތާނުގެ ޕިންކް ސިޓީ، ސިކްސް ސެންސެސް ފޯޓް ބަރްވަރާގަ އެވެ. ހަމައެކަނި އާއިލާ އާއި ގާތް ރައްޓެހިންނަށް ދައުވަތު ދީގެން މި ދެ ފަންނާނުންގެ ކައިވެނި ހަފްލާ ބޭއްވީ މިދިޔަ އަހަރު ޑިސެމްބަރު 10 ވަނަ ދުވަހުގެ ހަވީރު އެވެ.

ވިކީ އާއި ކެޓްރީނާ އެ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ދެ މީހުންގެ ފޮޓޯތައް އާންމުކުރާއިރު، ބޭރުތެރެއިން ވެސް އެދެ ތަރިންގެ ލޯބި އުޅުމަށް ގިނަ ބައެއްގެ ތައުރީފު ލިބިފައިވެ އެވެ.