އެއްޖިއްސުން ގުޅުން ހިންގުމާއި ގިނަ ބަޔަކު ބައިވެރިވެގެން ޖިންސީ ގުޅުން ހިންގާ މައްސަލަތަކުގެ ތުހުމަތުގައި ލީކުވެގެން އުޅޭ ފޮޓޯތަކާއި، ވީޑިއޯތަކުގެ ސައްހަކަން ކަށަވަރު ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ބަރަހަނާ ވީޑިއޯތަކުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ފުލުހަށް ހާޒިރު ކުރާނަމަ، މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އަންގަން އެމަނިކުފާނު އެދިފައިވާތީ އެއީ އެކަން އޮންނަންޖެހޭ ގޮތްތޯ "އާސްކް ސްޕީކާ" ޕްރޮގުރާމުގައި މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މެމްބަރުން ފުލުހަށް ހާޒިރުކުރާނަމަ މަޖިލީހަށް އެނގެން ޖެހޭނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ފެހި ގާނޫނު އަސާސީގެ ދަށުން މެމްބަރުންނަށް ހާއްސަ އިނާޔަތާއި ރައްކާތެރިކަން ލިބިގެންވާ ކަމަށެވެ. ލީކުވެފައިވާ ފޮޓޯގެ އެއްވެސް ސައްހަ ކަމެއް ކަށަވަރުނުވާއިރު، ކުރެވޭ ތުހުމަތުތަކުގައި ފަހަރަކު މެމްބަރަކު ހައްޔަރުކޮށް، ހުރިހާ މެމްބަރުން ހައްޔަރުވުމަކީ ޖާދަ ދެވޭނެ ކަމެއް ނޫން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

https://www.youtube.com/watch?v=aF32EYHhzt4

އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކުގެ ތެރެއިން ފުރަތަމަ ވީޑިއޯގައި ފެންނަނީ ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއް ސައްތާރު ކަމަށް ބެލެވޭ މީހެކެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މިހާރު ވަނީ އޭނާ ފުރުން މަނާކޮށް ޕާސްޕޯޓް ވެސް ހިފަހައްޓާފަ އެވެ. އަދި އެކަމާ ގުޅިގެން ފާޑުކިޔުން އަމާޒުވުމުން ނާޒިމް ވަނީ އޭނާގެ އެކައުންޓް ވެސް ޑީއެކްޓިވޭޓް ކޮށްފަ އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަމަށް ބެލެވޭ މީހަކު ބަރަހަނާކޮށް އަންހެނަކާއި އަދި ފިރިހެނަކާއެކު އެނދެއްގެ މަތީގައި ތިބި ފޮޓޯއެއް ވެސް ވަނީ ލީކުވެފަ އެވެ.

ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިއެއް ކަމަށް ބެލެވޭ މީހެއްގެ ވީޑިއޯއެއް ލީކުވެފައިވާއިރު، އެ ވީޑިއޯގައި ދެން ހުރީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކަމަށް އެ ވީޑިއޯ ސޯޝަލް މީޑިއާގައި ލީކުކުރި ފަރާތުން ބުނެފައިވެ އެވެ. ނަމަވެސް ސަލީމް ވަނީ އެކަން ދޮގުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަޓްސް އަޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އަނދުން ހުސެއިން އާއި ސަލީމް ހަވަރަށް ނުދެއްވާނެ ކަމަށެވެ.