އދ. ފެންފުށީގައި މޫދަށް އެރި އުޅެނިކޮށް ގެނބިގެން ހާލު ސީރިއަސްވި ދެ މީހުންގެ ތެރެއިން އެކަކު ނިޔާވެއްޖެ އެވެ.

މި ހާދިސާ ހިނގީ މިއަދު އެ ރަށު ތުނޑި ސަރަހައްދުގައި ފޮޓޯ ނަގަން އުޅެނިކޮށް އެރި ރާޅާއެކު ގެނބިގެން ކަމަށްވެ އެވެ.

މި ހާދިސާ ހިނގިިއިރު، އެ ސަރަހައްދުގައި ހަތަރު ވަރަކަށް ޒުވާނަކު ތިބި ކަމަށްވެ އެވެ.

މޫދަށް އެރި އުޅުނު ހަތަރު ޒުވާނުންގެ ތެރެއިން ދެ މީހަކު ގެއްލިގެން ފުލުހަށް ރިޕޯޓުކުރީ ހަވީރު 6:00 ހާއިރެވެ. އެ ދެ މީހުން ހޯދައި އެންމެ ފުރަތަމަ ފަރުވާ ދިނީ ފެންފުށީ ހެލްތު ސެންޓަރުގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ސަރަހައްދުން ދެ މީހަކު ގެއްލުނު ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ނިޔާވެފައި ވަނީ ތ. ދިޔަމިގިލީ، އީސާ ޖުނާހު، 23 އެވެ.

ޖުނާޙު ނިޔާވެފައިވަނީ ހާލު ދެރަވެގެން މަހިބަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ދެ މީހުންގެ ހާލު ސީރިއަސް ނަމަވެސް އެރަށު ސިއްހީ މަރުކަޒުގައި އޮކްސިޖަން ނެތުމުގެ ސަބަބުން ފަރުވާދިނުން ލަސްވިކަމަށެވެ. އަދި ފަރުވާދިނުމަށް މަހިބަދޫ އަށް ގެންދިޔަ ދެވަނަ މީހާގެ ހާލު ވެސް ސީރިއަސް ކަމަށްވެ އެވެ.