މާލޭ މީހުންނަކީ ނިކަމެތި ބައެކެވެ. ކުރީ ޒަމާނުގައި މާލޭގައި އުޅެނީ ތިން ދަރަޖައެއްގެ ބައެކެވެ. އެއިގެ ތެރެއިން އެންމެ މަތީދަރަޖައިގެ މީހުންނަކީ ރަސްރަސްކަލުންނާއި އެ ބޭފުޅުންގެ އާއިލާގެ މީހުންނެވެ. ދެވަނަ ދަރަޖައިގެ މީހުންނަކީ ރަސްކަމުގެ ކޮއިލު ތެރޭގައި އިޚުލާސްތެރިކަމާއެކު ޚިދުމަތްކުރާ މީހުންނެވެ. ތިންވަނަ ދަރަޖައަކީ އާދައިގެ ރައްޔިތުންނެވެ. ނިކަމެތި ރައްޔިތުންނެވެ.
މާލޭގެ ތާރީޚާ ބެހޭ އެންމެ ކުރީގެ ފްލޯކް ވާހަތަކަށް ބަލާއިރު މާލޭގައި ރަސްކަމެއް ގާއިމުކުރީ މާލޭގެ ރައްޔިތުންނެއް ނޫނެވެ. އެއީ ބޭރުން އައި ބައެކެވެ. ރަސްކަލުންނާއި އެ މީހުނަށް ޚިދުމަތްކުރާނެ ޚާދިމުން ވެސް އައީ ބޭރުންނެވެ. އެހެން ކަމުން މާލޭގެ ރައްޔިތުން އޭރު ވެސް ހިމެނިފައިވަނީ ނިކަމެތި ބައެއްގެ ގޮތުގަ އެވެ.
ބޭރުން އައި ބަޔަކު މާލޭގައި ރަސްކަމެއް ގާއިމުކުރި ވާހަކައަކީ ފްލޯކް ވާހަކައަކަށް ވެދާނެ އެވެ. އެހެން ނަމަވެސް މާލޭގެ ރަސްކަމުގެ ސިލްސިލާ ދެމިގެން އައި އައުމުގައި މާލޭގެ ރައްޔިތުންގެ މާބޮޑު ހިއްސާއެއް ނެތްކަމީ ހަގީގަތެކެވެ. އަބަދު ވެސް ރަސްކަން ކުރަމުން އައީ ރާއްޖެތެރޭގެ ރަށަކުން ނުވަތަ ބޭރުން އަންނަ މީހެކެވެ. ރާއްޖޭގެ ރަސް ރަސްކަލުންގެ މަތިފުށްތަކަށް ބަލައިލުމުން މިކަން ރީތިކޮށް ހާމަ ވެއެވެ. އިސްދޫ ދަރިކޮޅާއި ދިޔަމިގިލީ ދަރިކޮޅާއި އުތީމު ދަރިކޮޅާއި ހުރަވީ ދަރިކޮޅަކީ އެއްނޭވާއިން ކިޔާލެވޭހާ ފަސޭހައިން ހިތަށް އަންނަ ނަންތަކެވެ.
ރާއްޖޭގެ ތާރީޚު އެނގެން އޮތް އެންމެ ކުރީ ޒަމާނުއްސުރެ މާލެއަކީ ރާއްޖޭގެ ވެރި ރަށެވެ. ވެރި ރަށަކަށްވުމުން ވެރި ރަށެއްގައި ހުންނަން ޖެހޭ ހުރިހާ ކަމެއް ވެސް މާލޭގައި އޮވެ އެވެ. ރަސްކަމުގެ ކޮއިލާއި ވެރިކަމުގެ އެކި ކަންކަން ހިންގާ އިދާރާތަކާ މުވައްޒަފުންނެވެ. މާލޭގައި އުޅެނީ ރަސްކަމުގެ ކޮއިލު ތެރޭގެ ބޭފުޅުންނާއި އެބޭފުޅުންގެ ޚައްދާމުންނާއި މާލޭގެ ނިކަމެތި ރައްޔިތުންނެވެ. ރާއްޖެތެރޭގެ ރަށްރަށުގެ މީހުން މާލެ އަންނަނީ މާލޭގެ ވެރިކަމާ ތޮޅޭށެވެ. މިނޫން އެހެން ބޭނުމަކު އޭރަކު މާލެ އަންނާކަށް ނުޖެހެއެވެ. ރަށްފުށުން މާލެ އައިސް ވެރިކަމަށް ގަދަކޮށްލާ މީސްމީސް މީހުން ވަނީ މާލޭގެ ބޭފުޅުންނަށެވެ. އެ މީހުންގެ އާއިލާ ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އެ މީހުންގެ ޚާދިމުން ވަނީ ބޮޑުންނަށެވެ. ދެން ތިބެނީ މާލޭގެ ރައްޔިތުންނެވެ. ނިކަމެތި ރައްޔިތުންނެވެ.
މާލޭގެ ގޯތިތަކަށް ނަން ކިޔާފައި ހުންނަ ގޮތަށް ބަލާއިރު ވެސް ދަރަވަންދޫގެއާއި ހުރާގެއާއި އަތިރީގެއާއި މުލީގޭ ފަދަ ގެތަކަކީ ފަހަރެއްގައި ވެސް އެ ނަންތައް ރީތިވެގެން އެގޮތަށް ނަންކިއިފައިވާ ނަންތަކެއް ނޫނެވެ. އެ ނަންތަކަކީ އެގެތައް ނިސްބަތްވާ މީހުންނާ އާއިލީ ގޮތުން ގުޅުން ހުރި ރަށް ރަށުގެ ނަންތަކެވެ. ރާއްޖެތެރޭ ރަށްރަށެވެ. މާލޭގެ އާއިލާތަކުގެ ތެރެއިން އެމީހުންގެ ކާފަ މުނިކާފަ ނުވަތަ އެއަށް ވުރެ ދުރުން ނަމަވެސް ރާއްޖެތެރޭގެ ރަށަކާ ގުޅުން ނެތް އާއިލާ އެއް މަދުވާނެ އެވެ.
ރާއްޖޭގެ އެންމެ ފަހުން ރަސްކަން ކުރީ ހުރަވީ ދަރިކޮޅުންނެވެ. އެ ދަރިކޮޅުގެ ބާނީ ހުރާ ދޮން މަރުދުރަކީ ދިވެއްސެއް ވެސް ނޫނެވެ. ދިވެހި ރާއްޖޭގައި ވަޒަންވެރިވެ އާއިލާއެއް ބިނާކުރީ މާލެއަކު ވެސް ނޫނެވެ. ރާއްޖެތެރޭ ރަށެއްކަމުގައިވާ ހުރާގަ އެވެ. އެ ދަރިކޮޅު މާލެއަށް ހިޖުރަކޮށް މާލޭގެ ރަސްކަމުގެ ތަޚުތު މިލްކުކުރުމަށްފަހު އެތައް ޖީލަކަށް ވެރިކަން ކުރަމުން ގެންދިޔަ އެވެ. އޭގެ އެންމެ ފަހުގެ ރަސްކަލަކީ ސުލްތާނު މުހަންމަދު ފަރީދުލް އައްވަލެވެ.
ރަސްކަމުގެ ޒަމާން ނިމުމަކަށް ގެނެސް ޖުމުހޫރީ ވެރިކަމެއް ރާއްޖޭގައި ގާއިމު ކޮށްދެއްވީ ސުމުއްވުލް އަމީރު އިބުރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނެވެ. އެހެންގޮތަކަށް ކިޔާނަމަ ވެލާނާގޭ ނާސިރެވެ. ނާސިރު އެ އާއިލާ އަކަށް ނިސްބަތް ވާ ވެލާނާގެއަކީ ވެސް ހުރަވީ ދަރިކޮޅާ ގުޅުން އޮތް ދަރި ކޮޅެކެވެ. އޭގެ އިތުރުން ނާސިރުގެ މަންމަޔަކީ ހަތަރު މަތިފުށް ރާއްޖެތެރޭގެ މީހެކެވެ. ނާސިރު އުފަންވީ ވެސް ރާއްޖެތެރެއަށެވެ. ވަކިވަރަކަށް ބޮޑުވަންދެން އުޅުނީ ވެސް ރާއްޖެތެރޭގެ ރަށެއްކަމުގައިވާ އޭނާގެ އުފަން ރަށް ފުވައްމުލަކުގަ އެވެ.
ނާސިރަށް ވެރިކަން ލިބުނު އިރުވެސް މާލޭގައި އުޅެނީ ރަސްދަރިކޮޅުގެ ބޮޑުންނާއި އެ މީހުންގެ ޚާދިމުންނާ މާލޭގެ ނިކަމެތި ރައްޔިތުންނެވެ. އޭރު ވެސް ރާއްޖެތެރޭގެ މީހުން މާލެއަށް ހިޖުރައެއް ނުކުރެ އެވެ. އެ މީހުން މާލެ ދާނެ ވަކި މުހިންމު ސަބަބެއް ވެސް ނެތެވެ.
މާލެއެކޭ އެއްފަދައިން ނުވަތަ އެއަށްވުރެ ބޮޑަށް ތަރައްގީވެ، ތަހުޒީބުވެފައި ހުރި ރަށްރަށް އޭރު ރާއްޖެތެރޭގައި ހުއްޓެވެ. އެމީހުންގެ އަމިއްލަ ބޭނުން ރަށުން ފުދެ އެވެ. ބޭނުންވާ ކާޑާއި ދުންފަތާއި ބޭހާއި ބައްތި ތެލާއި އަންނައުނު މާލެ ނުގޮސް ސީދާ ބޭރުން އެތެރެކުރެވެ އެވެ. މިކަމަށްޓަކައި ގަވާއިދުން ކޮޅުނބަށާއި ބަންގާޅަށް ދަތުރުކުރާ އޮޑިފަހަރު ރާއްޖެތެރޭގައި ގިނަ އެވެ.
އުތުރުން ކުޅުދުއްފުށްޓާއި ދިއްދުއާއި ބާރަށް ފަދަ ރަށް ރަށަކީ ފާހަގަ ކޮށްލެވޭ ރަށްރަށެވެ. ތިނަދުއާއި ވާދުއާއި ގައްދޫގެ އިތުރުން އައްޑުއަތޮޅާ ފުވައްމުލަކަކީ ވެސް އޭރު ކުރިއަރާފައި ހުރި ރަށްތަކެވެ.
ނާސިރަށް ވެރިކަން ލިބުނުއިރު ރާއްޖެގެ ސިޔާސީ މަސްރަހު އޮތީ ބޮޑު ދެ މައްސަލއެއްގެ ތެރޭގަ އެވެ. އިނގިރޭސިންނަށް އައްޑޫ ގަން ކުއްޔަށް ދިނުމާ ނާސިރު ދެކޮޅު ހެދި ހެދުމާއި އެ މައްސަލައިގެ ތެރެއިން އުފެދިގެން އައި އައްޑޫ ބަޣާވާތަކީ ނާސިރަށް ހައްލުކުރަން ޖެހުނު ބޮޑު ދެ މައްސަލަ އެވެ. އެ ކަންތައްގަނޑު ނިމި އައްޑޫގައި އިނގިރޭސިން ގާއިމުވާން ދެވުނު ހުއްދައާއެކު ރާއްޖެތެރޭގެ ރައްޔިތުންނަށް މާލޭގެ މައްޗަށް ބަރޯސާ ނުވެ އެއްކަމެއް ވެސް ނުކުރެވޭ ގޮތަށް ނާސިރު ކަންތައް ބައްޓަން ކުރި އެވެ.
ރާއްޖެއިން ބޭރަށް ސީދާ ރަށުން ފުރައިގެން ނުދެވޭ ގޮތަށް ހެދި އެވެ. ރާއްޖޭން ބޭރުން ގެންނަ މުދާ މާލެއަށް ބާލައި ކަސްޓަމް ޑިއުޓީ ދޭން މަޖުބޫރު ވެސް ކުރި އެވެ. އެ ހިސާބުން ރާއްޖެތެރޭގެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއްގައި މާލެއަށް ބަރޯސާ ވާން ޖެހި މަޑުމަޑުން މާލެއަށް މީހުން ހިޖުރަ ކުރާތަން ފެނުނެވެ.
އައްޑު އަތޮޅުގައި އިނގިރޭސިން ތިބުމުގެ ސަބަބުން އެ ހިސާބަށް ކޮންމެވެސް ވަރެއްގެ ތިޔާގިކަމެއް ލިބުނުކަމުގައި ވިޔަސް އެކަމުގައި ވެސް ނާސިރު ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. ދިވެހި ސަރުކާރާއެކު އިނގިރޭސިން ހަދާފައިވާ އެއްބަސްވުމުގެ ދަށުން ވަކިވަރަކަށް ވުރެ ގިނައިން އައްޑޫން މުވައްޒަފުން ގަމަށް ނުނެގޭ ގޮތަށް އޮތީ ހަދާފަ އެވެ. އަދި ހަމަ އެފަދައިން އެމީހުނަށް ދެވޭ މުސާރަ ވެސް ވަކިވަރަކަށް ވުރެ ބޮޑު ނުކުރަން ވެސް އޮތީ އަންގާފަ އެވެ. ގަމުގައި މަސައްކަތް ކުރުމަށް ލޭބަރުންގެ ގޮތުގައި ޕާކިސްތާނާއި ލަންކާއިން މީހުން ގެންނަން އިނގިރޭސިންނަށް ޖެހުނީ އެ ސަބަބާ ހެދި އެވެ. އެގޮތަށް އެކަން ނެތްނަމަ އައްޑުއަށް ނުވަތަ ދެކުނަށް އޭރު ލިބުނު މިންވަރަށް ވުރެ ބޮޑު ތަނަނަވަސްކަމެއް ލިބުނީހެވެ.
ނާސިރުގެ ވެރިކަން ނިމުމުގެ ކުރިން ގަމުން އިނގިރޭސިން ފޭބި އެވެ. އެއާއެކު އައްޑޫގައި އިންގިރޭސިންގެ ވަޒީފާގައި ތިބި މީހުންނަށް އެހެން ގޮތެއް ހޯދަން މަޖުބޫރުވި އެވެ. އެ މަޖުބޫރުކަމުގައި އައްޑޫގެ ވިޔަފާރިވެރިން ދިޔައީ މާލެއަށެވެ. މާލޭގެ ބާޒާރު އެމީހުން ގޮސް އެއްކޮށް ހިފި އެވެ. ގަމުގެ ނަފީން ހޯލްސޭލްކޮށް މުދާ ގަނެގެން ކުރި ވިޔަފާރީގެ ތަޖުރިބާއާއެކު ސިންގަޕޫރުން މާލެއަށް މުދާ އެތެރެކޮށް މާލޭގައި ވިޔަފާރި ފުޅާކުރި އެވެ. އެ މީހުންގެ އަނބި ދަރިން މާލެއަށް ހިޖުރަ ކުރި އެވެ.
އޭރު މާލޭގައި ހުރީ ބިޔަ ބޮޑެތި ގޯތިތަކެވެ. އަނބުގަސްތަކާއި ބަނބުކެޔޮ ގަސްތަކާއި ދިވެހި ރުކާއި ފަތްކޭލުން މާލެ އޮތީ ފުރިފަ އެވެ. ހުހަށް ހުރި ބިޔަ ގޯތިތައް ރާއްޖެތެރެއިން އައި ވިޔަފާރިވެރިންނަށް ކުޑައަގަކަށް ވިއްކާލާކަށް އެ މީހުން އެކައްޗެކޭ ވެސް ހިތަކަށް ނޭރި އެވެ.
ވެރިކަމުގެ ފަރާތުން ރާއްޖެތެރޭގެ ރައްޔިތުން މާލެ ނައިސް އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް ކަންތައް އިންތިޒާމުކުރުމުގެ ނަތީޖާއެއްގެ ގޮތުން މާލެ އައި މީހުން މަލޭގެ ގެތައއް ބުރި ބުރިއަށް ނެގި އެވެ. ކުއްޔަށެވެ. ގެ ކުއްޔަށް ދީފައި މާލޭ މީހުން ތިބީ ވިއްސަކަށް އަހަރަށް ލިބިފައި ހުރި ކުޑަ ގޮޅީގައި މުޅި އާއިލާ އެއްކޮށެވެ.
ޒަމާން ބަދަލުވެ، މާލެ ތޮއްޖެ،ހި އެތަނުގެ ވަޒަން ވެރިން ވަންނާނެ ބޯހިޔަލެއް ނެތި އުޅެން މިއަދު މިވަނީ ޖެހިފަ އެވެ. އެހެން ކަމުން އެމީހުންނަށް ގޮތެއް ހޯދަދޭން ބަޔަކު މިވަނީ އަތުކުރި އޮޅާލާފަ އެވެ. ރާއްޖެތެރޭ މީހުންނެވެ. ވެރިޔަކަށް ހުންނެވީ ޅ. ހިންނަވަރު، އިބްރާހިމް މުހައްމަދު ސޯލިހެވެ. ނައިބަކަށް ހުންނެވި ފުވައްމުލަކު، ފައިސަލް ނަސީމެވެ. މި ސަރުކާރުގެ ބޯހިޔާވަހިކަމާއި ތަރައްގީގެ މަޝްރޫއުތައް ވިލަރެސްކޮށް ހިންގެވުމުގެ މަސައްކަތުގައި އިސްވެ ހުންނެވީ ގދ. ފަރެސް މާތޮޑާ މުހައްމަދު އަސްލަމެވެ. އެ މަސައްކަތަށް އެއްބާރުލުން ދީ ފޯމުތައް ފުރާދޭން އުޅެނީ މާލޭ މީހަކަށް ނުވެގެން މޭޔަރުކަމުގެ ޝަރުތު ހަމަ ނުވާނެކަމަށް ބަޔަކު ބުނި ހއ. ވަށަފަރަށް ނިސްބަތްވާ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.
މާލޭގެ ނިކަމެތިންނަށް ވެސް އަދި މުޅި ރާއްޖޭގެ އެންމެނަށް ވެސް ބޯހިޔާވަހިކަން ލިބެން ޖެހެ އެވެ. އެކަމަކު ސުވާލަކީ ސަރުކާރުން ހިންގަން މިއުޅޭ ގޯތި ދިނުމުގެ މަޝްރޫއުން މާލެއަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް އަންނާނެ ހެއްޔެވެ؟ އެންމެ ދެހާހެއްހާ ގޯތިން މާލެއަށް ލިބޭނެ ލުޔެއް އޮންނާނެ ހެއްޔެވެ؟
ނިކަމެތިންނަށް ދޭ ގޯތީގައި ގެދޮރު އަޅާނީ ކިހިނެއް ހެއްޔެވެ؟ ހުޅުމާލޭގެ މިލިޔަން ޑޮލަރުގެ އަގު ހުރި ބިންތައް ހިލޭ މާލޭގެ ގާތް މީހުންނަށް ބަހާލައިގެން މާލޭގެ ބޯހިޔާވަހިކަމަށް ހައްލެއް ނުލިބޭނެ އެވެ. ހުޅުމާލޭގެ ބިމަކީ ރަނެވެ. އެ ރަން ގާތް މީހުނަށް ބަހާލައިގެން އެމީހުން މުއްސަނދި ކުރުވިދާނެ އެވެ. އެކަމަކު އަދިވެސް މާލޭގެ ނިކަމެތި ރައްޔިތުން ތިބޭނީ ހަމަ ނިކަމެތި ރައްޔިތުންގެ ގޮތުގަ އެވެ. އެކަމުގެ ހައްލަކީ ގޯއްޗެއް ނޫނެވެ. ބޯ ހިޔާވަހިކަމެވެ. އިޚުލާސްތެރިކަމާއެކު އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމެވެ.
މިހާރު މަލޭ ރއްޔިތުންނަކީ ފަޤީރުން ނެކޭ ބުނެެވޭކަށް ނެތްދޯ. 1.މައުމޫނު ވެރިކަމުން ފަށިގެން މާލޭގައި ބިން ކޮޅެއް އޮތިއްޔާ އެވެފައިވަނީ ރަނަށް. ބޮޑުކުލި ދޭން ޖެހޭ. 2.ދައުލަތުގެ %99 ޚޭދުކުރަނީ މަލޭ އަށް. އަސާސީ ޙައްޤުތަށް ޤާއިމު ވެފައި ހުންނަނީ މާލޭ ގައި. މިސާލަކަށް މާލޭގައި ދިރި އުޅޭ މީހަކު ދިވއދިރައްޔިތއްކަން އަނަގާދޭ ކާޑު ހަދަން ހޭދަ ކުރަނީ -/250ރ. އެކަމަކު ރާއޖޭގެ އައިސް ގެން މިކަން ކުރާން -/1500ރ ވުރެ މަތި. ލިބޭ ވަރު މަދު ނަމަ ހިނގާ ވެރިރަށް އެކި އަތޮޅު ތަކަށް ބަދަލު ކުރަމާ. ސާބަސް.
ބޯހިޔާވަހިކަމަށް ޕޮއިންޓް ލިބޭ އުސޫލު އިސްލާހު ކުރާކަށް އަދިވެސް ނުވޭތަ؟ ދަރިން ގިނަ ވީމަ ގިނަ ޕޮއިންޓް ލިބެންޏާ އުމުރު ދުވަހު ކައިވެނިކޮށްގެން އުޅުނަސް ދަރިން ނުލިބޭ މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ ދުވަހެއް ނެތް. އަދި ދިރިއުޅުމުގެ ޙާލަތު ހުރިގޮތުން ގިނަދަރިންތަކެއް ނުހޯދަ ތިބި މީހުންނާއި، ފެމިލީ ރަގަޅަށް ޕްލޭންކުރާ މީހުންވެސް މިިޖެހެނީ ޕޮއިންޓްގިނަކުރަން އަވަހަށް ދަރިން ހޯދަން. ނޫނީ އަބަދުވެސް ލިސްޓުގެ ފުލުގަ. ނިކަމެތިން ވާނީ ނިކަމެތިންނަށް. ނިކަމެތިވުމަކީ އަތުގަ ފައިސާ ނެތުމެއް ނޫން
ވަރަށް ރަގަޅު ލިޔުމެއް. ސަރުކާރުން މިކަމުގައި އިޚްލާޞްތެރި ކަމެއްނެތް ކަން އެނގެނީ މާލޭ ރައްޔިތުންގެ ޙާލަތު ދެނެގަންނަން ގެ ތަކަށް ޒިޔާތަތް ނުކުރާނެކަން އެންގުމުންނެވެ.