ސ. ފޭދުގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވާ ކުޑަކުއްޖާގެ ތަހުގީގަށް ހުރަސް އެޅި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ޒުވާނަކަށް ހަމަލާދީ މަރާލި މައްސަލާގައި ހައްޔަރު ކޮށްފައިވާ ކުޑަކުއްޖާގެ ތަހުގީގަށް ނުފޫޒު ފޯރުވައި ތަހުގީގަށާއި ފުލުހުންނަށް ހުރަސް އެޅި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެހެން ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ފޭދޫގައި މިދިޔަ މަހުގެ ދެ ވަނަ ދުވަހުގެ ރޭ ތޫނު އެއްޗެހި ބޭނުންކޮށްގެން ހިންގި މާރާމާރީގައި އެ އަވަށު ސޮލިޑް، ޒަޔާން، 21، މަރުވީ އޭނަ އަށް ލިބުނު ޒަހަމްތަކަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާދެމުން ދަނިކޮށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި 15 އަހަރާއި 16 އަހަރުގެ ކުއްޖަކު ވެސް ހިމެނެ އެވެ.