ރާއްޖޭގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން ދޮށިމޭނާ ކިލޭގެފާނުގެ ވެރިކަން ނިމުނުގޮތާއި އެމަނިކުފާނުގެ ނިމުމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ފުރުސަތު އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން އާންމުންނަށް ހުޅުވާލައިފި އެވެ.

އެ އޮފީހުން ނެރެފައިވާ އިއުލާނެއްގައި ވަނީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަލްމަރްޙޫމް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަން ނިމުނުގޮތް ސާފުނުވާ ކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކުރެވުނު ދައުވާގެ ސީޣާ ސާފުވެފައިނެތް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ ރައީސް އަމީނަށް ކުރެވުނު ޝަރީއަތުގެ ސައްހަ މައުލޫމާތު ވެސް ލިބިފައިނުވާ ކަމަށެވެ. އެމަނިކުފާނަށް ކުރި ކަމަށް ބުނާ އަނިޔާތަކަކީ ކޮބައިކަމާއ،ި އަނިޔާކުރި ފަރާތްތަކާއި، އެފަރާތްތަކާމެދު އެއްވެސް ޝަރީއަތެއް ކުރެވުނުކަން ސާފުވެފައިނުވާ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ..

މައްސަލަ ހުށަހަޅާފައި ވަނީ އެކަންކަން ކަމުގެ ޙަޤީޤަތް ހޯދައިދިނުމަށާއި، އެކަންކަން ހިންގާފައިވަނީ ދައުލަތުގެ މުއައްސަސަތަކާއި މުއައްސަސާތަކުގެ އިސް ހިންގުންތެރިން ނިޒާމީ ސިފައެއްގައި ރާވައިގެންކަމަށްބުނެ އެވެ.

އެ ހާދިސާއަކީ 1953 ވަނަ އަހަރު ހިނގާފައިވާ ހާދިސާއަކަށްވާތީ، މިއީ ގިނަދުވަސްވީ ޙާދިސާއަކަށްވެފައި މައްސަލައާގުޅޭ މަޢުލޫމާތު ހޯދުމަށް ކުރިއަށް ގެންދާ ދިރާސާއަށް މަޢުލޫމާތު ހޯދުމުގެ ގޮތުން، ކުރިއަށް ގެންދާ އިންޓަވިއުތަކަށާއި ތަހުގީގަށް މައުލޫމާތު ދެއްވޭނެ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުން ފެށިގެން މި މަހުގެ 21 އާ ދެމެދު އެމީހެއްގެ މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.

ހިއްސާ ކުރުމަށް އެދިފައިވާ މައުލޫމާތު ތަކަކީ ފުރިހަމަ ނަމާއި އައިޑީ ކާޑު ނަންބަރާއި ގުޅޭނެ ނަންބަރަކާއި ދާއިމީ އެޑްރެހާއި. އީމެއިލް އެޑްރެހެކެވެ.

އެ ހާދިސާގެ މަޢުލޫމާތުދެވިދާނެ ހައިސިއްޔަތު ނުވަތަ މަޢުލޫމާތު އެނގޭގޮތްއެގޮތުން އެ އޮފީހުގެ ނަންބަރ 7337486 އަށް ފޯނުން ގުޅައި، ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އަދި [email protected] އަށް އީމެއިލް ކޮށްގެން ވެސް އެ މަޢުލޫމާތުތައް ހިއްސާ ކުރެވޭނެ ކަމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބުންޏެވެ.