އަތޮޅުތެރޭގެ ބައެއް ރަށްތަކަށް މިއަދުވެސް އުދަ އަރާފާނެކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް)ން ބުނެފި އެވެ.

މެޓުން ވަނީ މެދު ރާއްޖެ ތެރެއަށާއި، އުތުރުގެ ހިސާބުތަކުގައި ކަނޑުގެ ބާނި ވަރަށް ބޮޑު ކަން ފާހަގަކޮށްފަ އެވެ. އަދި މިކަމުގެ ސަބަބުން އެ ސަރަހައްދުގެ ރަށްތަކަށް މިއަދުވެސް އުދަ އެެރުމުގެ ފުރުސަތު އެބައޮތް ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ.

މެޓުން ވަނީ އެސަރަހައްދުތަކުގައި ޖަހާ ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ފޫޓާ ދެމެދު ހުންނާނެ ކަމަށް ލަފާކޮށްފަ އެވެ.

އޭގެ އިތުރުން އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާާރަކުރާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެ އެވެ. ހަމައެހެންމެ ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުކޮށް ގުގުރުން އެކަށީގެންވާ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެ އެވެ.

ފާއިތުވި ދުވަސްތަކުގައި ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު، ގިނަ ރަށްތަކަށް ވަނީ އުދައިގެ އަސަރު ކޮށް ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އެގޮތުން އޭގެތެރެއިން އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ އައްޑޫ މަރަދޫ، މަރަދޫ ފޭދޫ އަދި ގދ. މަޑަވެއްޔަށް ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވެ އެވެ.