ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަށް ކުރިމަތިވެފައިވަނީ އިމްތިހާނެއް ކަމަށާއި އެކަމަށް އޭނާ ޝުކުރުވެރިވެ ކެތްތެރިވާނެކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ކާނަލް މިހެން ވިދާޅުވީ، ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ ގިނަ މީހުންނާއި ބައެއް ވިޔަފާރިވެރިން އެއްޖިންސުން ގުޅުން ހިންގަމުން ދިޔަކަމަށް ބުނާ ވީޑިއޯގައި އެއަމަލު ހިންގިކަމަށް ތުހުމަތު ކުރެވޭ އަލަމްގިރިއާ ބައްދަލުކުރާ ވީޑިއޯއެއް އާންމުވެފައި ވަނިކޮށެވެ.

އެ ވީޑިއޯގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދިޔަނަމަވެސް މިހާތަނަށް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މި މައްސަލައާ ގުޅިގެން ކާނަލް ނަޝީދު މިއަދު ވަނީ، އިރާދަކުރައްވާ އަޅަކު އިއްޒަތްތެރިކުރައްވާނެ ކަމަށާއި އަދި އެކަލާނގެ އިރާދަކުރައްވާ އަޅަކު ނިކަމެތި ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދު ވަނީ އޭނާއަށް މުދަލާއި އިލްމާއި އަދި އިއްޒަތް ދެއްވި ނަމަވެސް އެކަން މިއަދު ގެއްދަވާފައިވާކަން ފާހަގަކޮށް އެކަމަށް ކެތްތެރިވެ ޝުކުރުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

"އިއްޔެ އެކަލާނގެ މި އަޅާއަށް އިއްޒަތްތެރިކަމާއި އިލްމާއި މުދާ ދެއްވި. މިއަދު އެ ގެންދެވީމާވެސް އެކަމަށް ޝުކުރުކޮށް ކެތް ކުރާނަން. މިއީ އިމްތިހާނެއް،" ކާނަލް ނަޝީދު ވިދާޅުވި އެވެ.

މީގެ ކުރިންވެސް ކާނަލް އަލަމްގިރި އުޅޭ ކޮޓަރިއަށް ވަންނަ ފޮޓޯއެއް އާންމުވެފައިވާއިރު، އެ ފޮޓޯގައި ފެންނަނީ ކާނަލް ކަމަށް އޭނާ އަމިއްލައަށް އިއުތިރާފުވެފައިވެ އެވެ.

"އެ ފޮޓޯގައި އެވަނީ އަޅުގަނޑު. ޔަގީންކަން ދެން. އެކަމަކު އެ ކޮޓަރިއަށް އަޅުގަނޑު ދިޔައީ ބިޒްނަސް މީޓިން އަކަށް، މުޑުދާރު އެއްވެސް އަމަލެއް ނުހިންގަން. އަޅުގަނޑު ބަރަހާނާއެއް ނުވަން. އަޅުގަނޑުގެ ޔަގީންކަން އެބައޮތް،" ކާނަލް ވިދާޅުވެފައިވެ އެވެ.