ބޮލީވުޑްގައި މިހާރު އެންމެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް އޭނާގެ މައިދައިތަ ދެކެ ބިރު ގަންނަ ކަމަށް ބުނެފި އެވެ.

ރަންވީރު އާއި ދިޕިކާ ޕަޑްކޯން މިހާރު ޗުއްޓީ ހޭދަކުރަމުން އަންނަނީ އެމެރިކާގެ ކެލެފޯނިއާގަ އެވެ. މިއީ ރަންވީރުގެ އުފަންދުވަސް ފާހަގަކުރުމަށް ކުރި އެ މީހުން ވަނީ ކެލެފޯނިއާގައި ބޭއްވި އިންޑިއާގެ ލަވަކިޔުންތެރިޔާ ޝަންކަރު މަހާދޭވަންގެ ކޮންސެޓްގައި ބައިވެރިވެފަ އެވެ.

މިޝޯގެ ތެރޭގައި ރަންވީރަށް ސްޓޭޓް މަތީގައި ވާހަކަ ދައްކަނިކޮށް ނަގާފައިވާ ވީޑިއޯއެއް ވަނީ ސޯސަލް މީޑިއާގައި ދައުރުވެފަ އެވެ. އެވީޑިއޯގައި ރަންވީރު ވަނީ އޭނާގެ މައިދައިތަ އުއްޖާލާ ޕްޑްކޯނާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އަދި އެވާހަކަތައް ދައްކާފައިވަނީ ވަރަށް ސަމާސާ ގޮތަކަށެވެ.

"އަހަރެންނަށް މިކަން ނުކުރުމަށް ވަރަށް ހަރުކަށިކޮށް ވަނީ އަންގާފަ، އަހަރެން މައިދައިތަ ދެކެ ވަރަށް ބިރުގަނޭ، ތި މީހުންނަށް އަންދާޒާ ވެސް ނުކުރެވޭނެ،" ރަންވީރު ބުންޏެވެ.

ކޮންސެޓް ބެލުމަށް ދީޕިކާގެ އިތުރުން ދިޕިކާގެ އާއިލާވެސް އެތަނުގައި ތިއްބާއެވެ. އެގޮތުން ދީޕިކާގެ މަންމަ އުއްޖަލާ ޕަޑްކޯނާއި ބައްޕަ ޕްރަކާޝް ޕަޑްކޯން އަދި ކޮއްކޮ އަނީޝާ ވެސް ކޮންސެޓް ބެލުމަށް އެކުގައި ގޮސްފައިވެ އެވެ.

މި ކޮންސާޓްގައި ޝަންކަރް ވަނީ ރަންވީރް ކަޕޫރުގެ އުފަން ދުވަހަށް ހާއްސަކޮށް ތަހުނިޔާ ކިޔުމަށް ވެސް ލަވައެއް ކިޔާފަ އެވެ.

ކޮންސާޓްގައި ތިބި އެންމެން ބައިވެރިވި މި ލަވައިގައި ދީޕިކާ ވެސް ބައިވެރިވިއެވެ. އުފަންދުވަހުގެ ތަހުނިޔާ ކީ އެންމެންނަށް ރަންވީރް ޝުކުރު އަދާކޮށްފައިވެ އެވެ. ރަންވީރަށް 37 އަހަރު ފުރޭނީ މިއަދު އެވެ.

ރަންވީރާއި ދީޕިކާ ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ. ކައިވެންޏަށް ފަހު ދީޕިކާގެ އާއިލާއާއި އެކު ރަންވީީރް ވަނީ ގިނަ ހަފުލާތަކެއްގައި ބައިވެރިވެފަ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލައިލާއިރު ބެލުންތެރިންނާ ހަމައަށް އެދެން އެންމެ އަވަހަށް ފެނިގެންދާނެ ރަންވީރުގެ ފިލްމަކީ ރޯހިތު ޝެއްޓީގެ "ސާކަސް"އެވެ.