ލަންޑަން (07 ޖުލައި) - އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކަމުގައި ހުންނެވި ބޮރިސް ޖޯންސަން އޭނާގެ މަގާމުން އިސްތިއުފާ ދެއްވަން ދެކޮޅު ހަައްދަވައިފި އެވެ.
ބޮރިސްގެ ސަރުކާރުގެ ގިނަ އިސްވެރިން ތަކެއް ފާއިތުވި ހަފްތާ ތެރޭގައި އިސްތިއުފާ ދެއްވާފައިވާއިރު ބައެއް ބޭފުޅުން ވަނީ ބޮޑުވަޒީރު ކަމުގައި ބޮރިސް ހުންނަވަން ވީ ވަގުތު ހަމަވެއްޖެ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ އިސްތުއުފާ ދިނުން ކަމަށް ބުނެ ލަފާ އަރުވާފަ އެވެ.
ނަމަވެސް އެ ލަފައަށް ދެކޮޅު ހައްދަވައި އޭނާގެ މަގާމުގެ ބާރާއި ނުފޫޒަށް އިތުރަށް މުށްބާރު ކުރައްވަން ބޮރިސް އަންނަނީމަސައްކަތް ކުރައްވަމުންނެވެ.
އެގޮތުން ބޮރިސް ވަނީ މަގާމުގައި ހުރެގެން ބޮރިސް ބޮޑު ވަޒީރުކަމުން ދުރުކުރަން މަސައްކަތްކުރި ކަމަށް ތުހުމަތު ކުރެވޭ އެގައުމުގެ ހައުސިން ސެކެޓްރަރީ މައިކަލް ގޯވް އޭނާގެ މަގާމުން ވަކިކުރައްވާފަ އެވެ.
ނަމަވެސް ގޯވް މަގާމުން ވަކިކުރުމުކީ ބޮރިސް އެޅުއްވި ގޯސް ފިޔަވަޅެއް ކަމަށާއި އޭނާގެ ސަރުކާރުގެ މުހިއްމު ސިޔާސަތުތަކެއް ބަލަހައްޓަވަމުން އައީ ގޯވް ކަމަށް ވުމުން އޭނާ މަގާމުން ވަކިކޮށްފިނަމަ ސަރުކާރަށް ހީނަރުކަން އަންނާނެ ކަމަށް މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެ އެވެ.
މިމަހުގެ ތެރޭގައި ބޮރިސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް އިނގިރޭސި ވލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ނަގާފައިވާއިރު އޭނާއަށް އޮތް ތާއީދު ދުވަހަކަށްވުރެ ދުވަހެއް އަންނަނީ ދަށްވަމުންނެވެ. -- ދަ ސްޓްރެއިޓް ޓައިމްސް