ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 1.7 މިލިއަން ޑޮލަރު ދޭންޖެހޭ ކަމަށް މުސްތަފާ ބުނެފި އެވެ.
މުސްތަފާ ރައީސް ސޯލިހް ޓެގްކުރައްވައި ކުރެއްވި ޓުވީޓެއްގައި ބުނެފައި ވަނީ ޓުވީޓު ކުރަން ޖެހުނީ ވަޓްސްއަޕް އިން މެސެޖް ކުރީމާ ޖަވާބު ނުދީގެން ކަމަށާއި އެ މެސެޖުތައް ބަލާކަން ވެސް އެނގޭ ކަމަށެވެ.
ރައީސް ސޯލިހު އޭނާއަށް ދެއްވަން ޖެހޭ 500,000 އެމެރިކާ ޑޮލަރު ދެއްވަން ޖެހޭ ކަމަށާއި އެ ފައިސާ ދެއްވަން ރައީސް ސޯލިހަށް ޖެހިވަޑައިގަންނަވާ ކަމުގެ ހެއްކަކީ މޯލްޑިވްސް ރިފޯމް މޫވުމެންޓުގެ ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ފާރިސް މައުމޫނު ކަމަށްވެސް މުސްތަފާ ބުނެފައިވެ އެވެ.
އޭގެ އިތުރަށް މުސްތަފާ ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ސޯލިހު މަޖިލީހުގެ މެންބަރުން ބައްލަވައި ގަތުމަށް އޭނާގެ ބޯޓެއް ވިއްކައިލި މައްސަލަ އޮތީ ކޯޓު މަރުހަލާގައި ތަންފީޒުނުކުރެވިފައި ކަމަށެވެ. އެ މައްސަލާގައި ހުކުމުގައި ބަޔާންކޮށްފައިވާ 1.278 މިލިއަން އެމެރިކާ ޑޮލަރަކީވެސް ރައީސް ސޯލިހު އޭނާއަށް ދޭންޖެހޭ ފައިސާ ކަމަށެވެ.
މުސްތަފާގެ މި ޓުވީޓަށް ޖަވާބު ދެއްވާ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު ޙުސައިން އަރީފު ބުނެފައި ވަނީ މުސްތަފާ އެކުރަނީ ހައްގު ދައުވާއެއް ކަމަށެވެ.
އެ ކަންކަން ހިނގައިދިޔަ ދުވަހަކީ 26 އޮކްޓޯބަރު 2017 ވަނަ ދުވަސް ކަމަށާއި އެއީ ކުރީ ސަރުކާރުން ސަޕްލިމަންޓަރީ ބަޖެޓެއް ފާސްކުރަން އޮތް ދުވަހެއް ކަމަށާއި، އެއިރުގެ ސަރުކާރުން އުޅުނީ އެ ޓެކްސް ހިމެނޭ ކަމަކަށް ވާތީ މަޖިލީހުގެ އަޣުލަބިއްޔަތު އެކަމަށް ބޭނުންވާތީ 43 މެންބަރުން ހަމަނުވެގެން ކަމަށެވެ. އަދި މުސްތަފާބެއަށް އެއްވެސް އެއްޗެއް އުނި ނުވާނެ ކަމަށް "އިބޫ" ބުނެފައިވާ ކަމަށް ވެސް އަރީފް ބުންޏެވެ.
މިކަމާ ގުޅިގެން ރައީސް ސޯލިހު ވެސް އަދި ރައީސް އޮފީހުން ވެސް އެއްވެސް އެއްޗެއް ނުބުނެ އެވެ.
މުސްތަފާއަކީ އާއްމުކޮށް ފައިސާގެ އެކި މުއާމަލާތްތަކުގެ ތުހުމަތު ސިޔާސީ އެކި ބޭފުޅުންގެ ބޮލުގައި އަޅުވާ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވެސް އޭނާ އަތުން ފައިސާ ނެންގެވި ކަމަށް ބުނެ ޗެކްތަކެއް ފޮޓޯ އާއްމުކުރައްވައިފަ އެވެ. ނަމަވެސް މިހާރު އެ މުއާމަލާތުގެ ވާހަކައެއް ނުދައްކަވަ އެވެ.
ވީއެންމެ އަވަހަކަށް ގުރައިދޫއަށް ފޮނުވާލާށެވެ.