ކޮލަމްބޯ (12 ޖުލައި) - އިގްތިސާދީ އަނދަވަޅަކަށް ވެއްޓިފައިވާ ސްރީލަންކާގެ ރައްޔިތުންގެ ނުރުހުމާއި ރުޅިވެރިކަން އަމާޒުވެ އިސްތިއުފާ ދޭނެކަން އިއުލާން ކުރައްވާފައިވާ އެގައުމުގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ގައުމު ދޫކުރައްވައި ފިއްލަވަން ކުރެއްވި މަސައްކަތް ނާކާމިޔާބު ވެއްޖެ އެވެ.

ސްރީލަންކާގެ އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީއިން ބުނެފައިވަނީ ރާޖަޕަކްސަ ވައިގެ މަގުން ގައުމު ދޫކުރައްވައި ފިއްލަވަން ކުރެއްވި މަސައްކަތް ނާކާމިޔާބުވީ އިމިގްރޭޝަނުގެ އޮފިސަރުން ރާޖަޕަކްސަގެ ޕާސްޕޯޓުގައި ސްޓޭމްޕް ޖަހައިދޭން ދެކޮޅު ހެދުމުންނެވެ.

މިދިޔަ އާދީއްތަ ދުވަހު ލަންކާގައި ކުރިއަށްދާ މުޒާހަރާގެ ބައިވެރިން ރާޖަޕަކްސަ ދިރިއުޅުއްވާ ރިޔާސީ ގަނޑުވަރަށް ވަދެގަނެ އެތަން ހިސާރު ކުރުމާއެކު އޭނާ ވަނީ ގެކޮޅު ދޫކުރައްވައި ފިއްލަވާފަ އެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ރާޖަޕަކްސަ ވަނީ އިސްތިއުފާ ދޭނެކަން އިއުލާން ކުރައްވާފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ރިޔާސީ ގަނޑުވަރުން ފިއްލެވުމަށްފަހު ރާޖަޕަކްސަ އުޅުއްވީ ދުބާއީއަށް ވަޑައިގަންނަވާށެވެ. އިސްތިއުފާ ދެއްވުމުގެ ކުރިން ގައުމު ދޫކުރައްވަން އުޅުއްވާ ކަމަށް ބެލެވޭ ސަބަބަކީ އިސްތިއުފާ ދެއްވުމާއެކު ރާޖަޕަކްސަ ހައްޔަރު ކޮށްފާނެތީ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ. ލަންކާގައި ރައީސަކު މަގާމުގައި ހުންނަވަނިކޮށް ހައްޔަރު ކުރުމަށް އެ ގައުމު ގާނޫނު ތަނެއް ނުދެ އެވެ.

ވައިގެ މަގުން ގައުމު ދޫކުރައްވަން ކުރެއްވެވި މަސައްކަތް ނާކާމިޔާބު ވުމާއެކު މިހާރު ރާޖަޕަކްސަ މަސައްކަތް ކުރައްވަނީ އެގައުމުގެ އަސްކަރީ ކަނޑުގެ އުޅަނދެއްގައި ގައުމު ދޫކުރައްވަން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމުގެ މަޝްވަރާތައް އަސްކަރިއްޔާގެ ތެރޭގައި ކުރިއަށް ދާއިރު މިވަގުތަށް އެންމެ ރައްކާތެރި ގޮތަކީ ވެސް އެއީ ކަމަށް ބެލެވެ އެވެ.

މިވަގުުތު ރާޖަޕަކްސަ ހުންނެވި ތަނެއް ޔަގީން ނުވި ނަމަވެސް އެއީ އަދިވެސް ސްރީލަންކާގެ ސިފައިންގެ އެންމެ އިސް ވެރިޔާ ކަމަށްވާތީ އޭނާ ހުންނަވާނީ ސިފައިންގެ ހިމާޔަތުގައި ކަމަށް ބެލެވެ އެވެ.

ރައީސް ރާޖަޕަކްސަގެ އިތުރުން ލަންކާގެ ފައިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި ރާޖަޕަކްސަގެ ކޮއްކޯފުޅު ބާސިލް ރާޖަޕަކްސަ ވެސް ވަނީ ގައުމު ދޫކުރައްވައި ވަޑައިގަންނަވަން މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް އެކަމަށް ވެސް ހުރަސް އަޅާފައިވަނީ އެއާޕޯޓްގެ މުވައްޒަފުންނެވެ.

މާދަމާ އިސްތިއުފާ ދެއްވާނެ ކަމަށް ރައީސް އިއުލާން ކުރައްވާފައިވާއިރު މިމަހުގެ 20 ވަނަ ދުވަހު ސްރީލަންކާގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ވަނީ ހަމަ ޖެހިފަ އެވެ. މި އިންތިހާބުގައި އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދަސަ ވާދަކުރައްވާނެ ކަން ވަނީ އިއުލާން ކުަރައްވާފަ އެވެ. -- ރޮއިޓާސް