ޔަމަނުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް އެމެރިކާގެ ސީދާ އަސްކަރީ ހަމަލާތަކެއް ދިނުމަށް ސައުދީ އަރަބިއްޔާއިން އެދުނު އެދުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅުހައްދަވައިފި އެވެ.

މިކަމާ ގުޅޭ މައުލޫމާތު އެނގޭ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ދެ ފަހަރެއްގެ މަތިން ރައީސް ޓްރަމްޕަށް ފޯނުން ގުޅުއްވައި، ހޫތީންނާ ދެކޮޅަށް އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ނިންމާފައިވަނީ ހޫތީންނަށް އަމާޒުކޮށް ސީދާ ހަމަލާތައް ދިނުމުގެ ބަދަލުގައި، ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުމާއި ހަމަލާދޭނެ އަމާޒުތައް ކަނޑައެޅުމުގައި ސައުދީއަށް އެހީތެރިވެދިނުމަށެވެ.

މި މަޝްވަރާތަކާ ގުޅިގެން އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕާ ވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ސައުދީ އަރަބިއްޔާއަށް ޒިޔާރަތްކުރައްވާފަ އެވެ.

އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، ވޮޝިންޓަންގެ މައިގަނޑު ސަމާލުކަން ހުރީ އެމެރިކާގެ ގައުމީ ސަލާމަތާއި މަސްލަހަތު ހިމާޔަތްކުރުމަށާއި، ރަތް ކަނޑުގެ ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށެވެ. އަދި ސަރަހައްދީ ސަލާމަތީ މައްސަލަތައް ހައްލުކުރުމުގައި އިސްނެގުމުގެ ފުރުސަތު ސަރަހައްދުގެ ބައިވެރިންނަށް ދިނުމަކީ ވެސް އެމެރިކާގެ ސިޔާސަތެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ސައުދީ އަރަބިއްޔާއިން މިފަދަ އެހީއަކަށް އެދިފައި މިވަނީ އެ ގައުމުގެ ވިސްނުމަށް ބޮޑު ބަދަލެއް އައުމަށްފަހު އެވެ. މީގެ ކުރިން ޖުލައި މަހު ސައުދީން ބުނެފައިވަނީ ހޫތީންގެ ކަންކަން އެކަނި ބެލެހެއްޓޭނެ ކަމަށާއި، ބޭނުންވަނީ އީރާނަށް އިގުތިސާދީ ފިއްތުންތައް ކުރިމަތިކޮށްގެން ހަނގުރާމަ ފުޅާވިޔަނުދިނުން ކަމަށެވެ. ނަމަވެސް، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، މިހާރު ސައުދީން މަސައްކަތްކުރަނީ މި ކުރިމަތިލުމުގައި އެމެރިކާގެ އަސްކަރީ ބައިވެރިވުން އިތުރުކުރުމަށެވެ.

ސައުދީން އެމެރިކާގެ އަސްކަރީ އެހީއަށް އެދިފައި މިވަނީ ހޫތީން ޔަމަނުގެ ރަތް ކަނޑުގެ އައްސޭރިފަށުގައި ބާރުގަދަކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެގޮތުން، ބާބު އަލް-މަންދަބު ކަނޑުއޮޅީގައި އޮންނަ ސްޓްރެޓީޖިކް މުހިންމު ރަށެއް ކަމަށްވާ ޕެރިމް އައިލެންޑަށް އިއްޔެގެ ވަގުތެއްގައި ހޫތީން ވަނީ އަރައިގަނެފަ އެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ހުރަސްއެޅިފައިވުމުން، ސައުދީގެ ތެޔޮ ބޭރުކުރުމަށް މައިގަނޑު ގޮތެއްގައި ބަރޯސާވަނީ ރަތް ކަނޑުގެ މަގަށެވެ. އެހެންކަމުން، ބާބު އަލް-މަންދަބުގެ ކޮންޓްރޯލް ހޫތީންގެ އަތްދަށަށް ދިއުމަކީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިއަށާއި ސައުދީގެ އިގުތިސާދަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.

ސައުދީ އަރަބިއްޔާ އާއި ހޫތީންގެ ދެމެދުގައި އޮތް ހަތަރު އަހަރުވީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވި، ދެފަރާތުގެ ދެމެދުގައި އަލުން ހަމަލާތައް ބަދަލުކުރަން ފެށީ ޖުލައި މަހު ސަންއާ އެއާޕޯޓަށް ޖައްސަން އުޅުނު އީރާނުގެ މަދަނީ ބޯޓަކާ ގުޅިގެން އުފެދުނު ނުތަނަވަސްކަމަށް ފަހުގަ އެވެ.