މާލެސިޓީގެ މުނިސިޕަލް ހިދުމަތް ރަނގަޅު ކުރުމަށްޓަކައި "ސްޕެޝަލް ކޮންސިޓިބިއުލަރީ" ހިދުމަތް ދިނުމަށްޓަކައި މާލެސިޓީ ކައުންސިލާއި ފުލުހުންނާ ދެމެދު އެއްބަސްވުމުގައި މިރޭ ސޮއިކޮށްފި އެވެ.

ސްޕެޝަލް ކޮންސިޓިބިއުލަރީ" ހިދުމަތް ތައާރަފުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ މިރޭ ލޮނުޒިޔާރަތް ޕާކުގައި ބޭއްވި މާލޭ ސިޓީ ރައްޔިތުންގެ ބައްދަލުވުމުގަ އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މި އެއްބަސްވުމާއެކު، ދިވެހި ފުލުހުންގެ ހިދުމަތާއި މާލެ ސިޓީ ކައުންސިލް ގުޅިގެން މާލެ ސިޓީގެ މުނިސިޕަލް ހިދުމަތްތައް ދިނުމުގެ އުސޫލުތައް ހަރުދަނާ ކުރެވިގެން ދާނެ ކަމަށެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން މާލެއާއި ވިލިމާލޭގެ މަގުތަކާއި، ޕާކުތަކާއި، މައިދާންތަކުގެ އިތުރުން ޕޭވްމަންޓްމަތީގައި ނުވަތަ އާންމު ތަންތަނުގައި ގަވާއިދާ ހިލާފަށް ތަކެތި ބަހައްޓާ ފަރާތްތައް ހޯދައި އެފަރާތްތަކާ މެދު ފިޔަވަޅު އެޅުމާއި، އެފަދަ ފަރާތްތަކުގެ މައުލޫމާތު ދެނެގަތުމުގައި ކައުންސިލަށް ފަސޭހަވެގެންދާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެ އެވެ.

މިއާއެކު މާލެ ސިޓީގެ މަގުތަކާއި، ހުސްބިންތަކާއި، ޕާކުތައް އަދި މައިދާންތަކާއި، ވިޔަފާރިކުރާ ސަރަހައްދުތަކުގައި ހުއްދަ ނުނަގައި ހިންގާ ކަންކަން ބަލައި، އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި އެފަރާތްތަކުގެ މައުލޫމާތު ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ކައުންސިލާ ހިއްސާކުރާނެ އެވެ. އަދި އެފަދަ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެ އެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން ބުނީ މި އެއްބަސްވުމުގެ ސަބަބުން މާލެ ސިޓީގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ ކަމަށްވާ ކުނީގެ މައްސަލައަށްވެސް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން މާލެ ސިޓީގެ މަގުތަކާއި އެނޫންވެސް ތަންތަނަށް ކުނިއަޅާ މީހުންގެ އަމަލުތައް ހުއްޓުވައި، ކުނިއަޅާ މީހުން ދެނެގަނެ އެމީހުން ޖޫރިމަނާ ކުރުމުގެ ގޮތުން ދޭންޖެހޭ ލިޔުންތައް ދިނުމާއެކު އެމީހުންގެ މައުލޫމާތު ފުލުހުން މާލެ ސިޓީ ކައުންސިލާ ހިއްސާކުރަމުން ދާނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.