އިންޑިއާގެ އާބާދީއަށް ވަރަށް ބޮޑަށް އިތުރުކުރި ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ޚާން ބުނެފި އެވެ.

ސައިފް މިފަދައިން ބުނެފައިވަނީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ބަނޑުބޮޑުކަމަށް މީޑިއާގައި ވާހަކަތަކެއް ފެތުރިފައި ވަނިކޮށެވެ.

އެގޮތުން ކަރީނާ އޭނާގެ ފިރިމީހާ ސައިފް އަލީ ޚާން އާއި ދަރިން ޓައިމޫރާއި ޖެހް އާއެކު ޔޫރަޕްގައި ޗުއްޓީ ހޭދަކުރަމުންދާއިރު، ޗުއްޓީގައި ނަގާފައިވާ އޭނާގެ އެއް ފޮޓޯއެއް ވަނީ ސޯޝަލްމީޑިއާގައި އާންމުވެފަ އެވެ. އަދި އެ ފޮޓޯގައި ބެބީ ބަމްޕްއެއް ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެހެންނަމަވެސް އެ ރިޕޯޓްތައް ދޮގުކޮށް ކަރީނާ އޭނާގެ އިންސްޓަގްރާމް ސްޓޯރީސްގައި ބުނެފައި ވަނީ އެފޮޓޯގައި އެގޮތަށް ފެނިފައިވަނީ މާ ވަރުގަދައަށް ކައިގެން ހުރުމުން ކަމަށެވެ.

މިކަމާއި ގުޅިގެން އޭނާގެ ފިރިމީހާ ސައިފް ބުނެފައިވަނީ، އިންޑިއާގެ އާބާދީގައި މިހާރު ވެސް ވަރަށް ބޮޑަށް ހިއްސާވެވިއްޖެ ކަމަށެވެ.

ކަރީނާ އާއި ސައިފް އަށް ދެ ފިރިހެން ކުދިން ލިބިފައިވާއިރު، ސައިފްގެ ކުރީގެ ކައިވެނީގައި އޭނާއަށް ދެ ކުއްޖަކު ލިބިފައިވެ އެވެ. އެއީ ސާރާ އަލީ ޚާން އާއި، އިބްރާހިމް އަލީ ޚާން އެވެ.