ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ހިއްސާ ވިއްކާލުމުގެ މަސައްކަތް މިދިޔަ އަހަރު އެކުންފުނީގެ ހިއްސާ ގަތް އެމެރިކާގެ ކާލައިލް ގްރޫޕުން ފަށައިފި އެވެ.
އެމެރިކާގެ އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ ބައިން ކެޕިޓަލް އިން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ 2017 ވަނަ އަހަރު ގަނެފައިވަނީ ގާތްގަނޑަކަށް 550 މިލިއަން ޑޮލަރަށެވެ. އެ ކުންފުނިން މި މުއާމަތް ކޮށްފައިވަނީ ޗައިނާގެ ޓެމްޕަސް ގްރޫޕާ ގުޅިންނެވެ. ބައިން އިން ޓީއެމްއޭގެ ހިއްސާ ގެނެފައިވަނީ އެމެރިކާގެ ބްލެކް ސްޓޯން ކުންފުނީގެ އަތުންނެވެ.
އެމެރިކާގެ ބެއިން ކެޕިޓަލް އާއި ޗައިނާގެ ޓެންޕަސް ގްރޫޕް ކޯ އިން ގަތް ކުންފުނީގެ މައި ހިއްސާ ވިއްކާލީ ލޯނެއްގެ ގޮތުގައި ދައްކަން ޖެހޭ އެ ފައިސާ އެ ދެ ކުންފުންޏަށް ދެއްކޭ ގޮތް ނުވެގެންނެވެ.
އެ މައްސަލަ ޖެހި ޓީއެމްއޭގެ ބޮޑު ހިއްސާއެއް އެމެރިކާގެ ވަލްޗާ ކެޕިޓަލް ފާމެއް ކަމަށްވާ ކާލައިލް ގުރޫޕަށް ވިއްކާލީ މިދިޔަ އަހަރުގެ މެދު ތެރޭގަ އެވެ. އަދި ކިންގް ސްޓްރީޓާއި ޑޭވިޑްސަން ކެމްޕް އިން ވެސް ވަނީ ހިއްސާ ގަނެފަ އެވެ.
އިގްތިސާދީ ދާއިރާގެ ހަބަރު ގެނެސްދޭ ނޫހެއް ކަމަށްވާ ބްލޫމްބާގުން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި، ކާލައިލް އިން މިހާރު މަސައްކަތް ކުރަމުން އަންނަނީ ޓީއެމްއޭ ވިއްކާލުމުގެ މަސައްކަތް ކުރަމުންނެވެ.
މިކަމާއި ގުޅޭ ފުރަތަމަ މަޝްވަރާ ބައްދަލުވުން ޓީއެމްއޭގެ ހިއްސާދާރުންނާއެކު މިހާރު ވަނީ ބާއްވާފަ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓީއެމްއޭގެ މެޖޯރިޓީ ހިއްސާގެ އަގު 700 މިލިއަން ޑޮލަރާއި 500 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އެފަރާތްތަކުން ލަފާކުރެ އެވެ.
ބްލޫމްބާގް ގައި އިތުރަށް ބުނެފައިވަނީ، އެ ވިޔަފާރި ގަތުމަށް އެސިނާއަތުގެ އެހެން ފަރާތްތަކާއި އިންވެސްޓްމަންޓް ފަންޑުތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑެތި ވިޔަފާރިވެރިން ކަމަށްވާ ޗަމްޕާ އާއިލާ އިން ހިންގަމުން އައި ޓީއެމްއޭ އެމެރިކާގެ ބުލެކްސްޓޯނުން 2013 ގައި ގަތީ އޭރު އޮޕަރޭޓު ކުރަމުން އައި މޯލްޑިވިއަން އެއާޓެކްސީ (އެމްއޭޓީ) ވެސް ގަނެ އެއްކޮށްލުމަށް ފަހު އެވެ.
ހެލިކޮޕްޓަރު ފްލީޓަކާއެކު 1989 ވަނަ އަހަރު އުފެދުނު ޓީއެމްއޭ އަކީ ރާއްޖޭގައި ވައިގެ ހިދުމަތްދޭ އެންމެ ދުވަސްވީ ކުންފުންޏެވެ. އެ ކުންފުނިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ 80 އަށް ވުރެގިނަ ރިސޯޓަށް ޓްރާންސްފާގެ ހިދުމަތް ފޯރުކޮށްދޭއިރު، ކޮންމެ އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަސިންޖަރުން ދަތުރުކުރެ އެވެ.