އިމްޕޯޓް ޑިއުޓީގެ ގޮތުގައި މިދިޔަ މަހު ލިބުނު އާމްދަނީ 44 ޕަސެންޓް އިތުރުވެއްޖެ އެވެ.

ކަސްޓަމްސް އިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ކަސްޓަމަސް 394 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 44 ޕަސެންޓް އިތުރުވުމެއް ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ތެލުގެ ބާވަތްތައް ހިމަނައިގެން މިދިޔަ މަހު ރާއްޖެއަށް 5.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 78 ޕަސެންޓް އިތުރު އަދަދެކެވެ. މީގެ އިތުރުން އެކްސްޕޯޓް ކުރި މުދަލުގެ އަދަދު ވެސް ވަނީ 60 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ މަހު ރާއްޖެއިން 247 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ މަހުގެ ބާވަތްތަކެވެ.

ރާއްޖެއަށް މިދިޔަ މަހު އިމްޕޯޓްކުރި މުދަލުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ހިމެނެނީ ތެލުގެ ބާވަތްތަކެވެ. އެގޮތުން 1.3 ބިލިއަން ރުފިޔާގެ ތެލުގެ ބާވަތްތައް ހިމެނެ އެވެ. މީގެ ތެރޭގައި އޮމާނުން އެތެރެކުރި 1.1 ބިލިއަން ރުފިޔާގެ ތެލުގެ ބާވަތްތައް ހިމެނެ އެވެ.

ރާއްޖެއަށް މިދިޔަ މަހު މުދާ ހިފައިގެން 93 ކާގޯ އުޅަނދު ދަތުރުކުރި އެވެ. އަދި 114 އުޅަނދު ފުރާފައިވެ އެވެ.