ޔޯގާ ދުވަސް ފާހަގަ ކުރުމަށް ދިވެހިސަރުކާރާއި އިންޑިއާ ހައިކޮމިޝަނުން ގުޅިގެން ބޭއްވި ހަރަކާތް ހުއްޓުވުމަށް އިހްތިޖާޖު ކުރި ފަރާތްތަކުގެ ތެރެއިން މިވަގުތު ޖަލުގައި ބަންދު ކޮށްފައިވާ ފަރާތްތަކުން ދިވެހި ރައްޔިތުންނަށް ސިޓީއެއް ފޮނުވައިފި އެވެ.

އެ ސިޓީގައި ބުނެފައިވަނީ މިރާއްޖޭގެ އިސްލާމްކަން މިއަދު މިވަނީ ވަރަށްވެސް ނުރައްކާތެރި ދަރަޖައަކަށް ވެއްޓިފައި ކަމަށެވެ. ރާއްޖެއިން އިސްލާމްދީން ފޮހެލައި ކުފުރާއި ޝިރުކާއި, މުންކަރާތްތައް ފެތުރުމަށް ސިއްރިޔާތުގަ އާއި ފާޅުގައި, އަނދިރި އަނދިރިން ދިވެހިންގެ ކަރަށް ގަދަބާރުން ބަގުރާ އަޅައި ނަސާރާދީނަށް ވެއްދުމަށް ކުރި މަސައްކަތަށްވުރެ މާ ނުރައްކާތެރި ބިރުވެރި ބޮޑެތި މަސައްކަތް ތަކެއް ކުރަމުންދާ ކަމަށެވެ.

އަދި އިސްލާމްދީނާއި ﷲ އާއި އެއިލާހުގެ ރަސޫލާއަށް ފުރައްސާރަކޮށް މަލާމާތްކުރާ މީހުންނަށް މިސަރުކާރުގައި ލިބެނީ މަތީމަގާމުތަކާއި ބޮޑެތި މުސާރަކަމުގަ އެވެ. އަނެއްބަޔަކު ރަސްމީ އިއްޒަތުގައި މިގައުމުން ބޭރަށް ފުރުވާ ލަނީކަމަށާއި އެބައެއްގެ މައްޗަށް އަލިފާނުގެ ވާރޭގެ ކޯފާ ފޮނުއްވައި އެރަށް ބަންޑުން ޖައްސަވާލެއްވި ސަދޫމް ބާގައިގެ މީހުން ހިންގި ހަޑި މުޑުދާރު އަމަލުކަމުގައިވާ ލިވާތު(އެއްޖިންސުން ގުޅުންހިންގުމުގެ) ކުޅިއާއި އެނޫންވެސް އެންމެހައި ފާހިޝް މުންކަރާތްތަކަށް އަރައިގަންނަށް މީހުންގެ މައްސަލައެއް ނުބެލޭ ކަމަށްވެސް ބުނެފައިވެ އެވެ. އެމީހުން މިނިވަން ކަންމަތީ އުޅެން ދޫކޮށްލާފައިތިބި އިރު, ޝިރުކާއި ދެކޮޅަށް ތެދުވެ ﷲ ގެ ދީން މަތިވެރިކޮށް ނަސްރު ދިނުމަށް މަސައްކަތް ކުރިކަމަށްޓަކައި އެމީހުން ތިބީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ބަންދުކޮށްފައި ކަމަށެވެ.

" މިކަމުން މި ދޭހަ ކޮށްދެނީ ކޮންކަމެއްކަން ތިޔަ ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުން ވިސްނަވާލެއްވިންތޯއެވެ. މިސަރުކާރުން ވަރަށް ސަރީހަކޮށް ބުނެ އެދައްކައިދެނީ އިސްލާމް ދީނުގައި އެއްވެސް ކަމެއް ކުރުމަށް ފުރުސަތެއް ނުދޭނެ ކަމާއި, ދީނާއި ޚިލާފު ހުރިހާ ކަމަކަށް ފުރުސަތު ހުޅުވި މިނިވަން ކަން އޮތްކަމެވެ." ސިޓީގައި ވެ އެވެ.

"މުސްލިމެއްގެ ހައިސިއްޔަތުންނާއި ގާނޫނީ ގޮތުން ތިޔަބޭފުޅުން ކޮށްގެން ތިބި ހުވާ ކޮބައިތޯއެވެ؟" ދިވެހި ސިފައިންނާއި ފުލުހުންނަށް ވެސް ސުވާލެއް ކުރިމަތިކޮށްފައެވެ.

ސިފައިންނާއި ފުލުހުންގެ ތެރޭގައިވެސް މިހިނގާ ކަންތައްތަކާއި ދެކޮޅު އެތައް ބޭފުޅުންތަކެއް ތިބިކަން އެގޭކަމަށާއި, ﷲ އެއިލާހުގެ ރަސޫލާ އަދި ދީނުގެ ދިފާއުގައި ފަސް ނުޖެހުމަށް އެސިޓީގައި ހައްޔަރު ކުރި ފަރާތްތަކުން ވަނީ ގޮވާލައިފައެވެ.އަދި މިދީނަށާއި މިދީބަށް ނަސްރުދީ, މިނިވަން މުސްތަގިއްލު އިސްލާމީ ގައުމެއްގެ ގޮތުގައި ދެމިތިބެވޭނީ އަޅުގަނޑުމެންގެ ކާބަފައިން ގުރުބާންވި ފަދައިން އަޅުގަނޑުމެންވެސް ގުރުބާނީތަކެއް ވެގެން ކަމަށްވެސް ސިޓީގައި ބުނެފައިވެ އެވެ.

"މިރާއްޖޭގައި ޝަހާދަތުގެ ދެކަލިމަ އުފުލުން ހައްދުފަހަނައެޅުން ކަމުގައި ހަދައި ﷲ أكبر (ތަކުބީރު) ކިޔުމަކީ ވެސް ހަރުކަށިކަން ކަމުގައި ހަދައި ޝިރުކާއި ދެކޮޅުވުމަކީ ޓެރަރިޒަމް ކަމަށް ހަދައި އެމްޑީއެންގެ ލާދީނީ ފިކުރު ވަކި ހިއްޕާލާފައި،" ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

އަދި ހައްޔަރީންގެ މައްޗަށް ކުރާ ދައުވާއަކީ އެއީ ކަމަށް ބުނެފައިވެ އެވެ.

"ރާއްޖޭގައި ފާހިޝް އަމަލުތަކާއި މުންކަރާތްތައް ފަތުރަމުންދާއިރު އަދިވެސް އަހަރެމެން ހޭވެރިވާން ނުވޭތޯ؟" ހައްޔަރީން ސުވާލުކޮށްފައިވެ އެވެ.

އެސިޓީ ނިންމާ ލަމުން އެފަރާތްތަކުން ބުނެފައިވަނީ މިއަދު ދިވެހި ކޮންމެ ރައްޔިތެއްގެ ކޮޑުގައި ވެސް މިކަން ކަން އިސްލާހުކުރުމަށް ނިކުތުމުގެ ހިތްވަރު ހުންނަން ވާނެ ކަމަށާއި, އެއީ ހުރިހާ ދިވެހިންގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް ކަމަށެވެ. މިގައުމު އަތުން ދޫވުމުގެ ކުރިން މަސައްކަތް ކުރުމަށް އެންމެން ނިކުތުމަށް ވަނީ އެންމެހާ ދިވެހިންނަށް ގޮވައިލައިފަ އެވެ.