ހިޖުރައިން 1374 ވަނަ އަހަރު ސަފަރު މަހުގެ 24 ވަނަ ދުވަހު ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ކުރިމައްޗަށް ވަރަށް މުހިންމު މައްސަލައެއް ހުށަހެޅުނެވެ. އެއީ އޭރު އޭރު އުވި ގޮސްފައިވާ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީންގެ ގެކޮޅު ކަމަށްވާ އަތިރީގެއާ ބެހޭގޮތުން ގޮތެއް ނިންމުމުގެ މައްސަލަ އެވެ.

އަތިރީގެއަކީ އަމީންގެ އަމިއްލަފުޅު ގެއެއް ކަމުގައި ވިޔަސް އެގެކޮޅު އިމާރާތްކުރުމުގައި ސަރުކާރުގެ ބައެއް ހިމެނިފައި ވާތީ އެ ގެއާމެދު އަމަލު ކުރަން ފެންނަ ގޮތެއް މަޖިލީހުން ނިންމަވައި ދެއްވުމަށް އޭރުގެ ބޮޑު ވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު އެދިވަޑައި ގެންނެވީ އެވެ.

މި މައްސަލަ ހުށަހެޅުމާ އެކު މަޖިލީހުގައި އަތިރީގެއާ ބެހޭ ގޮތުން ވަރަށް ހޫނުކޮށް ބަހުސް ކުރެވެން ފެށި އެވެ. ބަހުސް ވަކި ހިސާބަކަށް ހޫނުވުމުން އޭރުގެ ހެންވޭރު ތަމަސީލުކުރައްވާ ޒުވާން މެންބަރު ވެލާނާގޭ އިބްރާހިމް ނާސިރު ތެދުވެވަޑައިގެން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތް ހުށަހެޅުއްވި އެވެ. އެ މަނިކުފާނު ވިދާޅުވީ އަތިރީގޭގައި ސަރުކާރުގެ ބައެއް ހިމެނުނު ކަމުގައި ވިޔަސް އެގެ މުހައްމަދު އަމީންގެ ދަރިކަނބަލުން އަމީނާ މުހަންމަދު އަމީނަށް ދޫކޮށްލުމަށެވެ. އެމަނިކުފާނުގެ އެ ހުށަހެޅުއްވުމާއެކު މަޖިލީހުގެ ބަހުސް ފިނިވެ އެ ހުށަހެޅުއްވި ގޮތަށް އިއްތިފާގުވި އެވެ.

އަތިރީގެއާ މެދު ނާސިރު އެ ހުށަހެޅުއްވި ހުށަހެޅުމަށް ހޫނުކޮށް އޮތް މަޖިލިސް ފިނިވެ، އެ ހުށަހެޅުއްވުމަށް އިޖާބަ ލިބިގެން ދިއުމުން އޭރުގެ ޒުވާން މެންބަރަށް ރައްޔިތުންގެ މެދުގައި އޮތް ގަދަރާ އިހުތިރާމް ވަރަށް ރަނގަޅަށް ސާބިތުވެ އެވެ. އެ ދުވަސްވަރަކީ ރާއްޖޭގައި އުފެދުނު ފުރަތަމަ ޖުމްހޫރިއްޔާ ނިމި އެ ޖުމްހޫރިއްޔާގެ ބާނީ މުހައްމަދު އަމީނަށް ރައްޔިތުން ދިން އަނިޔާގައި އަވަހާރަވެ،ދިޔުމަށް ފަހު އަލުން ރަސްކަމެއް ފެށިގެން އައި ދުވަސްވަރެވެ.

ދިވެހި ސަރުކާރު ހިންގެވުމާ ހަވާލުވެ ހުންނެވީ ބޮޑުވަޒީރު އިބުރާހިމް ފާމުލަދޭރި ކިލެގެފާނެވެ. ފާމުލަދޭރި ކިލެގެފާނަކީ ވަރަށް ހިކުމަތްތެރިކަމާއެކު ވެރިކަން ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު ކުރައްވަމުން ގެންދެވި ކޮންމެ ކަމެއް ތަފުސީލުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި މަޝްވަރާގެ މަގު ޚިޔާރު ކުރެއްވި ބޭފުޅެކެވެ. މި ހުރިހާ ކަމެއް އެފުށް މިފުށަށް ޖެހި، ވެރިކަމުގެ ތެރޭގައި ނުތަނަވަސްކަން އުފެދުނީ އައްޑު އަތޮޅު ގަން، އިނގިރޭސިންނަށް 100 އަހަރަށް ކުއްޔަށް ދޭން އެމަނިކުފާނު އެކަނި މާއެކަނި ނިންމެވުމުންނެވެ. 100 އަހަރަށް ގަމާއި ހިތަދޫން ބައެއް އިނގިރޭސިންނަށް ދިނުމަށް ދިވެހި ސަރުކާރުގެ ނަމުގައި ފާމުލަދޭރި ކިލެގެފާނު ނިންމެވި އިރު އެކަމާ ބެހޭ މައުލޫމާތު ދިވެހި ސަރުކާރުގެ އެއްވެސް މަސްއޫލު ވެރިއަކަށް ވެސް ރަސްގެފާނަކަށް ވެސް ނުވަތަ ރައްޔިތުންގެ މަޖިލީހަކަށް ވެސް އެނގިފައެއް ނެތެވެ.

ރާއްޖެއަށް މިނިވަންކަން ލިބުނު އެއްބަސްވުމުގައި ރައީސް އިބްރާހިމް ނާސިރު ޖުލައި 26، 1965 ގައި ސޮއިކުރެއްވުމަށްފަހު އެއްބަސްވުން ބަދަލުކުރައްވަނީ.

މައްސަލަ ހުށަހެޅުނު އިރު އޮތީ އިނިޝިއަލް އެގްރީމެންޓެއްގައި ދެގައުމުގެ ފަރާރުން ސޮއި ވެސް ކޮށްފަ އެވެ. މަޖިލީހަށް މައްސަލަ ވެއްދި އިރު އޮތީ އޭގެ ކުޑަ އިރުކޮޅެއްގެ ތެރޭގައި އިނގިރޭސި ސަފީރު ވަޑައިގެން ފައިނަލް އެގްރީމެންޓުގައި ސޮއިކުރައްވާ ގޮތަށް ހަމަޖެހިފަ އެވެ. އެފަދަ ޚާއްސަ ދަނޑިވަޅުގައި މަޖިލީހުގެ ބަހުސްގެ ވަގުތުގައި ފުރަތަމަ ވެސް ތެދުވެ ވާހަކަފުޅު ދެއްކެވީ ނާސިރެވެ.

"ވިހި ވަނަ ގަރުގެ ތެރޭގައި ދިވެހިރާއްޖެ" މިފޮތުގައި ކަށިމާ އަހުމަދު ޝާކިރު ލިޔުއްވާފައިވެ އެވެ. ޝާކިރު ވިދާޅުވެފައިވާ ގޮތުގައި ނާސިރު ބާރު އަޅުއްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެއްވެސް އެގްރީމެންޓެއް ގަބޫލު ކުރެވިގެން ނުވާނެ ކަމުގަ އެވެ. ނާސިރުގެ ވާހަކަފުޅަށް މަޖިލީހުގެ ބައެއް މެންބަރުނަ ތާއީދުކުރެއްވި ކަމުގައި ވިޔަސް ކިލެގެފާނުގެ ހާޒިރުގައި ކިލެގެފާނާ ދެކޮޅު ހެދުމަށް ގިނަ ބަޔަކަށް ކެރުނު ކަމަކަށް ނުވި އެވެ. ނަތީޖާއެއްގެ ގޮތުން އެ ޖަލްސާގައި އިނިޝިއަލް އެގްރިމެންޓް ފާސްވި އެވެ. އެހެނަސް ފައިނަލް އެގްރިމެންޓް ފާސްވާ ގޮތެއް ނުވި އެވެ.

ގަން އިނގިރޭސިންނަށް ސަތޭކަ އަހަރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ މައްސަލައިގައި ސިޔާސީ މައިދާނުގައި ކުރިޔަށް ތިބި މީހުން ޚާއްސަ ކޮށް ޒުވާނުންގެ މެދުގައި ކިލެގެފާނުގެ ނިންމެވުމާ މެދު ދެކޮޅު ވެރިކަމުގެ ރޫހެއް އުފެދުނެވެ. އެ ރޫހުގައި ކިލެގެފާނުގެ ޕާސަނަލް ސެކެރެޓެރީގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިހާބު މަގާމުން އިސްތިޣުފާ ދެއްވި އެވެ.

ކަށިމާ އަހުމަދު ޝާކިރު ވިދާޅުވެފައި ވާގޮތުން ޝިހާބުގެ އިސްތިޣުފާ އާއެކު ކިލެގެފާނުގެ ސަރުކާރުގެ ކަންތައް ބޮއްސުންލައި ކަންތައް ނުހިންގި އެކަން އާންމުންނަށް ވެސް އެނގޭވަރު ވެއްޖެ އެވެ. އެހެން ކަމުން ރަދުންގެ އެދިވަޑައިގެންނެވުމަކަށް ކިލެގެފާނު މަގާމުން އިސްތިޣުފާ ދެއްވީ ސިއްހީ ހާލަތު ހުރިގޮތުން މަގާމުގެ ވާޖިބުއަދާ ކުރެވެން ނެތް ކަމަށް ވިދާޅުވެ އެވެ.

ކިލެގެފާނުގެ އިސްތިޣުފާ އާ ގުޅިގެން ހުސްވި ބޮޑުވަޒީރު ކަމުގެ މަގާމަށް އައްޔަން ކުރާނެ ބޭފުޅެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގުން ނިންމީ ވެލާނާގޭ އިބްރާހިމް ނާސިރެވެ.

ނާސިރު ބޮޑުވަޒީރުކަމަށް އައްޔަން ކުރުމަށް ލިބުނު ތާއީދާ ބެހޭ ގޮތުން ކަށިމާ އަހުމަދު ޝާކިރު ވިދާޅުވެފައި ވަނީ "އިނގިރޭސި ސަރުކާރު ފަދަ ދުނިޔޭގައި ބާރުހުރި އަދި އޭރު މުޅި ދުނިޔޭގައި އެބައެއްގެ ނުފޫޒާއި ބާރު އޮތް ބަޔަކާއި ދެކޮޅަށް ނާސިރު ތެދުވެވަޑައިގަތް ތެދުވެ ވަޑައިގަތުން ހިމެނިގެން ދިޔައީ ބޮޑު ވަޒީރުކަމުގެ މަގާމަށް އެމަނިކުފާނު ވަޑައިގަތުމަށް މަގުފަހިވެގެން ދިޔަ އެންމެ ބޮޑު ސަބަބު ކަމުގަ އެވެ."

ސަރުކާރު ހިންގެވުމާ ހަވާލުވެ ވަޑައިގެން ނާސިރަށް ފުރަތަމަ ވެސް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ އިނގިރޭސިންނާއެވެ. އޭރު އިނގިރޭސިން އޮތީ ގަމުގައި އެއާޕޯޓު ހެދުމުގެ މަސައްކަތް ފަށައިފައެވެ. ދެފަރާތުގައި ރަސްމީ އެއްބަސް ވުމެއް ނެތަސް އެމަސައްކަތް ހުއްޓާލާކަށް އެމީހުން އެއްބަހެއް ނުވި އެވެ. އެ ނުތަނަވަސްކަމުގެ ތެރޭހައި އިނގިރޭސިންގެ ތާއީދާއެކު ރާއްޖޭގެ ދެކުނުގައި ވަކި ސަރުކާރެއް އުފެއްދި އެވެ. މިހުރިހާ މައްސަލަގަނޑެއްގެ މެދުގައި އިނގިރޭސިންނާ އެކު ދިވެހި ސަރުކާރުން ދައްކަމުން ގެންދިޔަ ވާހަކަތަކުގެ ނަތީޖާއަކަށް ވީ 100 އަހަރުގެ ބަދަލުގައި 30 އަހަރަށް ގަން އިނގިރޭސިންނަށް ދިނުމަށެވެ. އޭގެ ބަދަލުގައި ދެކުނުގައި އުފެދުނު ސަރުކާރަށް އިނގިރޭސިން އެއްބާރުލުން ދިނުން ހުއްޓާލި އެވެ.

އަބްދުއްސައްތާރު މޫސާ ދީދީ ވިދަޅުވެފައިވާ ގޮތުގައި އައްޑޫގައި ވަކިން ހިންގަމުން ދިޔަ ސަރުކާރަށް އިނގިރޭސިން ދެމުން ދިޔަ އެއްބާރުލުން ނިމުމަކަށް ގެނެސް އެ ސަރުކާރުގެ ވެރިޔާ އަބްދުﷲ އަފީފު ދީދީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ސީޝެލްސްއަށް ގެންދިޔަ ޚަބަރު ބޮޑު ވަޒީރު ނާސިރަށް އިވި ވަޑައިގެންނެވީ ބީބީސީންނެވެ.

އެ ޚަބަރު އިވިވަޑައިގެންނެވުމާއެކު އިނގިރޭސިންގެ ފަރާތުން ރާއްޖޭގައި ހުންނެވި މަންދޫބު އާތިންގްޓަން ޑޭވީ އާ ނާސިރު ބައްދަލު ކުރެއްވި އެވެ.

ރާއްޖެއަށް މިނިވަންކަން ލިބުނު އެއްބަސްވުމުގައި ރައީސް އިބްރާހިމް ނާސިރު ޖުލައި 26، 1965 ގައި ސޮއިކުރެއްވުމަށްފަހު އެއްބަސްވުން ބަދަލުކުރައްވަނީ.

ނާސިރު އާތިންޓަން އާ ކުރެއްވި ސުއާލަކީ ދިވެހި ރާއްޖޭގެ ރައްޔިތަކު ދިވެހި ސަރުކާރަށް ނޭނގި އިނގިރޭސިންނަށް ގެންދެވުނީ ކޮން ހަމަޔަކުންތޯ އެވެ. އިނގިރޭސި މަނދޫބުގެ ވަރަށް ހަރުކަށި ގޮތަކަށް ދެއްވި ޖަވާބަކީ އިނގިރޭސިންގެ ހިމާޔަތުގައި އޮތް ގައުމަކުން އިނގިރޭސިން ބޭނުން މީހަކު ބޭނުން ތަނަކަށް ގެންދެވޭނެ ކަމުގަ އެވެ. އެޖަވާބާ އެކު ނާސިރު ވިދާޅުވީ ތިޔަހެން ވިއްޔާ ތިފަދަ ހިމާޔަތެއް ދިވެހިން ބޭނުން ނުވާ ކަމުގަ އެވެ.

ގަމުގެ މައްސަލަ ހައްލުވުމާ އެކު ނާސިރު ފެއްޓެވީ އިނގިރޭސިންގެ އަތް ދަށުގައި ރާއްޖެ ބަނދެވިފައި އޮތް ހިމާޔަތުގެ އެގެރީމެންޓު އުވާލެއްވުމުގެ މަޝްވަރާއަށެވެ. އެކަމަށްޓަކައި ކުރެވުނު އެތައް ބުރަ މަސައްކަތެއްގެ ނަތީޖާ އެއްގެ ގޮތުން ދިވެހި ސަރުކާރާ އިނގިރޭސި ސަރުކާރާ ދެމެދު އާ އެއްބަސްވުމެއްގައި ސޮއި ކުރެވުނީ 1965 ވަނަ އަހަރު ޖުލައި 26 ވަނަ ދުވަހު އެވެ.

އެ ދުވަހަކީ ދިވެހި ރާއްޖެއަށް އިނގިރޭސިންގެ ފަރާތުން މިނިވަންކަން ލިބުނު ދުވަސް ކަމުގައި ވިޔަސް ނާސިރުގެ ނަޒަރުގައި އޭރު އަދި ދިވެހިންނަކަށް ހަގީގީ މިނިވަން ކަމެއް ނުލިބެއެވެ. ސަބަބަކީ އަޅުވެތިތިކަމުގެ އެގްރީމެންޓެއްގެ މާއްދާއެއްގެ ދަށުން މަޖުބޫރު ކޮށް ދިވެހިންގެ އަތުން އަތުލާފައި އޮތް ބައެއްގައި އިނގިރޭސި އަސްކަރީ ބާރެއް އޮތުމެވެ. އެހެންކަމުން އިނގިރޭސިން ވީހާ އަވަހަކަށް ރާއްޖެއިން ފޮނުވާލެއްވުމަށް ނާސިރު މަސައްކަތް ކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން 1976 ވަނަ އަހަރު އިނގިރޭސިން ގަމުން ފައިބައިގެން ދިޔަ އެވެ. އިނގިރޭސިން ގަމުން ފޭބި ދުވަސް ކަމުގައިވާ 29 މާޗް އަކީ ދިވެހިރާއްޖޭގެ މިނިވަން ދުވަސް ކަމުގައި ސަރުކާރުން ހަމަ ޖެއްސެވި އެވެ. އެކަން އެގޮތުގައި ރައީސް މައުމޫނު ވެރިކަމަށް ވަޑައިގެންނެވުމާ ހަމަޔަށް އޮތެވެ.

އައްޑު އަތޮޅުން އިނގިރޭސިން ފޭބުމާއެކު ނާސިރު ދެކެވަޑައިގެންނެވީ ދިވެހި ރައްޔިތުން އެމަނިކުފާނާ ހަވާލުކުރި ޒިންމާ އަދާކޮށް ނިންމައި ލެވިއްޖެކަމުގަ އެވެ. އެހެންކަމުން އެއިރު ހިނގަ ހިނގާ އޮތް ވެރިކަމުގެ ދައުރު ނިމުމުން މަގާމުން އިސްތިޣުފާ ދެއްވަން ނިންމަވައި އެކަން ރައްޔިތުންގެ މަޖިލީހަށް އެންގެވި އެވެ. އޭގެ ދެއަހަރު ފަހުން 1978 ނޮވެމްބަރު 11 ވަނަ ދުވަހު ވެރިކަމުގެ ހުރިހާ ބާރެއް، އަލަށް ހޮވި ވަޑައިގެންނެވި ރައީސު މައުމޫނާ ހަވާލު ކުރެއްވި އެވެ.

ދިވެހި ގައުމުގެ ނަވުގެ ހުންގާނުގައި ނާސިރު ހިއްޕެވީ އިނގިރޭސިންގެ އަތްދަށުން ދިވެހިން މިނިވަން ކޮށް ދިނުމަށް އެމަނިކުފާނުގެ ފަރާތުން ދިވެހިން އެދުނު އެދުމަކަށެވެ. އެ ވާޖިބު ފުރިހަމަ ވީހިނދު އެމަނިކުފާނަށް ރައްޔިތުން ހަވާލު ކުރި މަސްއޫލިއްޔަތު އަދާކުރެވިއްޖެ ކަމުގައި ބައްލަވައި ވެރިކަމާ ދުރަށް ވަޑައިގެންނެވި އެވެ. ނާސިރަކީ ތާރީޚުގައި މަދުން ނޫނީ ނުފެންނަ ވަރުގެ ބަތަލެކެވެ.