ކޮރޯނާ ވައިރަސް ނޭފަތުގައި ހުންނަ ނާވް ސެލްތަކުން އެތެރެއަށް ވަދެ، ސިކުނޑި އިންފެކްޓް ކޮށްފާނެ ކަމަށް ޖަރުމަނުގެ ދިރާސާވެރިން ބުނެފި އެވެ.

މި ދިރާސާ ހެދުމުގައި ބައިވެރިވި ދިރާސާވެރިން ވަނީ ކޮވިޑް-19 ޖެހިގެން މަރުވި 33 މީހުންގެ އޮޓޮޕްސީ ހަދާފަ އެވެ. އޭގެ ނަތީޖާއިން ދައްކާ ގޮތުގައި އެމީހުންގެ ސިކުނޑީގަ އާއި ނޭފަތާއި ކަރުގެ ހޮޅި ގުޅޭ ހިސާބުގައި ވައިރަހުގެ އަސަރު ހުއްޓެވެ. އަދި ވަސްދުވުމުގެ ހިއްސާ ގުޅޭ ޓިޝޫގައި ވެސް ގިނަ އަދަދަކަށް ކޮރޯނާވައިރަސް ހުއްޓެވެ.

މި ދިރާސާތަކުގެ ސަބަބުން ކޮރޯނާވައިރަސް ޖެހޭ މީހުންގެ ގައިން ފެންނަ ނިއުރޯލޮޖިކަލް އަލާމާތްތައް ކަމަށްވާ ވަސް ނުދުވުން ދިމާވަނީ ކީއްވެކަން އެނގިގެން ދެ އެވެ.

މީގެ އިތުރުން ބޮލުގައި ރިއްސުން، ބޯ އެނބުރުން، ހޮޑުލެވޭ ގޮތްވުން ފަދަ ކަންތައް ދިމާވާ ސަބަބު ވެސް ދެނެގަނެވިފައިވާ ކަަމަށް ބާލިން ހެލްތު އިންސްޓިޓިއުޓް އޮފް ހެލްތުގެ ފްރޭންކް ހެޕްނާ ވިދާޅުވި އެވެ. -ސީއެންއެން