ލަންޑަން (31 ޖުލައި) އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އިސްތިއުފާ ދެއްވައި މަގާމު ހުސްވުމާ އެކު ދެން އެ މަގާމަށް ވާދަކުރައްވާ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވެއްޖެ އެވެ.
އެގޮތުން ބޮޑު ވަޒީރުކަމަށް ވާދަކުރައްވާ ވާދަވެރި ދެ ބޭފުޅުންނަކީ މިހާރުގެ ޚާރިޖީ ވަޒީރު ލިޒް ޓްރޫސް އާއި އޭނާގެ އިދިކޮޅު ވާދަވެރިޔާ ރިޝީ ސުނަކް އެވެ.
މި ދެ ބޭފުޅުންގެ މެދުގައި ވާދަވެރިކަން އިތުރުވެފައިވާއިރު ޚިޔާލު ބެލުމަށް ނެގި ވޯޓުން 90 ޕަސެންޓް އެކު ކުރީގައި އުޅުއްވަނީ ޓްރޫސް އެވެ. ސުނަކްއަށް ލިބިފައިވަނީ 10 ޕަސެންޓެވެ.
މި ރޭހުގައި ޓްރޫސްއަށް ލިބިވަޑައިގަތް އަނެއް ކާމިޔާބީއަކީ ފޮރިން އެފެއާޒް ކޮމެޓީގެ ރިޔާސަތު ބަލަހައްޓަވާ ޓޮމް ޓުގެންޑްހަޓުގެ ތާއީދު ޓްރޫސްއަށް އޮތް ކަން ހާމަ ކުރުމެވެ. މިއާއެކު ސުނަކްގެ ކެމްޕެއިނަށް ވަނީ އިތުރު ގޮންޖެހުންތައް ކުރިމަތިވެފަ އެވެ.
ބޮޑު ވަޒީރު ކަމުގެ ކެމްޕެއިންގެ އެންމެ ފަހު ހަފްތާތައް ކުރިއަށް ދާއިރު އާއްމުންގެ މެދުގައި ސުނަކްއަށް އޮތް ތާއީދު ވަނީ ބޮޑު ތަނުން ދަށަށް ގޮސްފަ އެވެ. އެގޮތުން މީގެ ކުރިން ވޯޓުގެ ނިސްބަތް 60-40 ޕަސެންޓުން ޓްރޫސް ކުރި ހޯއްދެވި ނަމަވެސް ވޭތުވެދިޔަ ހަފްތާތަކުގެ ތެރޭގައި އޭނާއަށް އޮތް ތާއީދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ޓްރޫސް ވަނީ އޭނާ ބޮޑު ވަޒީރު ކަމަށް ހޮވިއްޖެ ނަމަ ޓެކްސްގެ ނިޒާމު އިސްލާހުކޮށް އިނގިރޭސި ވިލާތުގެ އިގުތިސާދު ހަމައަކަށް އެޅުވުމަށް ގިނަ މަަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ސުނަކްއަކީ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ކެބިނެޓްގައި ހިމެނުނު ބޭފުޅަކަށްވާއިރު އޭނާ ހިމެނޭ ގޮތަށް ކެބިނެޓްގެ ގިނަ މިނިސްޓަރުން އެއްފަހަރާ އިސްތިއުފާ ދިނުމަކީ ބޮރިސްއަށް އިސްތިއުފާ ދެއްވަން މަޖުބޫރު ކުރުވި އެއް ސަބަބެވެ.
ބޮޑުވަޒީރަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ނަތީޖާ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު އިއުލާން ކުރާއިރު ގިނަ ބަޔަކު އަންނަނީ ކާމިޔާބު ހޯދާނީ ޓްރޫސް ކަމަށް ބުނަމުންނެވެ. -- ބްލޫމްބާގް