ހެއްކާބެހޭ ގާނޫނުގައި މަސްދަރު ހާމަކުރެވޭނެ ގޮތްތައް ކަނޑައަޅާފައި ވުމާއިއެކު، އެކަމާއި މެދު ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ހިއްސާކުރައްވައިފި އެވެ.

އެމްޖޭއޭގެ މެމްބަރުންނާއި އެކު ރައީސް ސޯލިހު މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި އެއޮފީހުގެ އިސްވެރިން ބައިވެރިވި އެވެ.

މިބައްދަލު ކުރެއްވުމުގައި، އެމްޖޭއޭގެ ފަރާތުން ވަނީ ހެއްކާބެހޭ ގާނޫނުގައި ހުރި، ނޫސްވެރިން ކަންބޮޑުވާ ކަންކަން ރައީސް ސޯލިހަށް ދަންނަވާފަ އެވެ. މިގޮތުން، އެގާނޫނުގައި މަސްދަރު ހާމަކުރުމާއި ގުޅޭ ގޮތުން، ގައުމީ ސަލާމަތާއި ޓެރަރިޒަމް މާނަކޮށްފައިވާ ގޮތްތަކާ މެދު ހުރި ކަންބޮޑުވުންތައް ހިމެނެ އެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސް ވަނީ، ސަރުކާރުން ހެއްކާބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަންޖެހޭ ގޮތަށް މާއްދާއެއް ހިމެނި ސަބަބާއި އެކަމުގެ ބޭނުން ސާފުކޮށްދެއްވާފަ އެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން މީޑިއާގެ މިނިވަންކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަހެއް ކުރިމަތި ނުކުރުވާނެ ކަމަށާއި މިސަރުކާރުގެ ފާއިތުވެ ދިޔަ އަހަރުތަކުގައިވެސް އަމަލުކޮށްފައި ވަނީ އެގޮތަށް ކަމަށެވެ. އަދި ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ ގައުމުގައި ހަމަޖެހުން ގާއިމްކޮށް ހުރިހާ ފަރާތްތަކަކަށް ވެސް ރައްކާތެރިކަން ހޯދައިދެއްވުމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ނޫސްވެރިންގެ ވާހަކަތައް އަޑުއައްސަވައި، ރައީސް ވިދާޅުވީ، ހެއްކާއި ބެހޭ ގާނޫނުގެ ދަށުން މަސްދަރު ހާމަކުރަންޖެހޭ ހާލަތްތަކުގެ ތެރޭގައި ހިމެނޭ، ގައުމީ ސަލާމަތާއި ގުޅުންހުރިކުށްތައް، ގާނޫނުގައި ސާފުކޮށް ބަޔާންކޮށް، ގާނޫނު އިސްލާހުކުރެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށެވެ. މީގެ އިތުރުން މިހާރު އެކުލަވާލެވެމުންދާ މީޑިއާގެ ބިލާއި ގުޅޭ ގޮތުން ވެސް ނޫސްވެރިންގެ ހިޔާލާއި މަޝްވަރާ ސަރުކާރުން ހޯއްދަވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

މިބައްދަލު ކުރެއްވުމުގައި ބަންޑާރަ ނައިބު، ރިފްތު ވަނީ ހެއްކާއި ބެހޭ ގާނޫނަށް އަމަލުކުރަން ފެށުމަށް އަދި 6 މަސް ދުވަސް އެބައޮތްކަން ފާހަގަ ކުރައްވައި، އެ ގާނޫނުން ނޫސްވެރިންނަށް ލިބިދޭ ހައްގުތަކާއި މަސްދަރު ހާމަކުރުމަށް އަމުރުކުރެވޭނެ ގޮތްތަކާއި ފަނޑިޔާރުން އަމަލުކުރަން ޖެހޭ ގޮތްތައް ވެސް ސާފުކޮށް ދެއްވާފަ އެވެ. އަދި ހެއްކާއި ބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން ފަނޑިޔާރަކަށް އަމުރުކުރެވޭނެ ގޮތަށް ހިމަނާފައި ވަނީ، މިނިވަން ދިމިގުރާތީ މުޖުތަމައުތަކުގައި އެކަންކުރަމުން އަންނަ ގޮތަށާއި އދ. އިން ނިންމާފައިވާ ނިންމުތަކަށް ބައްލަވައިގެން ކަމުގައިވެސް ބަންޑާރަ ނައިބު ރިފްއަތު ވިދާޅުވި އެވެ.

ހެއްކާބެހޭ ގާނޫނު ރައީސް ތަސްދީގު ކުރައްވާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ.