މާލެ އާއި ވިލިމާލެ މޮނިޓަކުރުމަށް ދިވެހި ފުލުހުންނާއި މާލެ ސިޓީ ކައުންސިލާ ދެމެދު ވެފައިވާ ސްޕެޝިއަލް ކޮންސްޓެބިއުލަރީ ސާވިސް ގާއިމުކުރުމުގެ އެއްބަސްވުމުގެ ދަށުން މިއަދު އެ ހިދުމަތް ދޭން ފަށައިފި އެވެ.

ސާޅީސް ފުލުހުންނާއެކު ފަށާ މި ހިދުމަތް ދިނުމުގެ ގޮތުން މިދިޔަ ހަފްތާގައި ފެށި އޮރިއެންޓޭޝަން ސެޝަންތަށް ނިންމާލާ، އެންމެ ފަހުބައްދަލުވުން ބާއްވާފައިވަނީ ރޭގައި މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގަ އެވެ.

މި ހިދުމަތް ފެށުމާ ގުޅިގެން ފުލުންގެ ފަރާތުން ހަވާލުވެގެން ހުންނެވި، އިންސްޕެކްޓަރު މުހައްމަދު ލުތުފީ ވިދާޅުވީ، މި މައްސަކަތަކީ ކުރިން ވެސް ފުލުހުން އިސްވެ ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށާއި، އެކަމަކު އެކި ސަބަބުތަކާ ހުރެ މެދުކެނޑިފައި އޮތް މުހިއްމު މަސަކަތެއް ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން އިސްވެ އަނެއްކާވެސް މިމަސައްކަތް ކުރަން ފުލުހުންނަށް ހުށަހެޅުމަކީ ވަރަށް ވެސް ބޮޑު ލުއި ފަސޭހަތަކެއް ފުލުންނަށް އަދި އާންމުނަށް ވެސް ލިބިގެންދާނެ ކަމެއް ކަމަށެވެ.

މި ހިދުމަތުގެ ދަށުން ކަންކަން ބެލުމަށްފަހު މަގުމަތީގައި އުޅޭމީހުންނަށް އުނދަގޫވެ ނުރައްކާވާގޮތަށް ހަދާ އިމާރާތް ތަކާއި، އިމާރާތްތަކުގެ ޓެރަސް ފަދަ ތަންތަނާއި ބެލްކަނީތަކުގަޔާއި ގޭގޭގެ ފާރުމަތީގައި ތަކެތި ބެހެއްޓުން ، ރައްޔިތުންނަށް އުނދަގޫ ފޯރާގޮތަށް އާއްމު ތަންތަނުގައި ތަކެތި ބަހައްޓައިގެން ވިޔަފާރިކުރުން އަދި މާލޭ ސިޓީގެ ޕާކްތަކުގައި ކުރުން މަނާކަމަށް އެތަންތަނުގައި ޢާއްމުކޮށްފައިވާ ފަދަ ޢަމަލުކުތައް ކުރުމުން ފިޔަވަޅުއެޅުން ހިމެނެ އެވެ.

މާލެސިޓީގެ މުނިސިޕަލް ހިދުމަތް ރަނގަޅު ކުރުމަށްޓަކައި "ސްޕެޝަލް ކޮންސްޓެބިއުލަރީ" ޚިދުމަތް ދިނުމަށްޓަކައި މާލެސިޓީ ކައުންސިލާއި ފުލުހުންނާ ދެމެދު އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ. މިކަން އިފްތިތާޙް ކޮށްފައިވަނީ 19 ޖުލައިގައި މާލެ ސިޓީ ކައުންސިލުން ބޭއްވި 2022 ވަނަ އަހަރުގެ 2 ވަނަ ރައްޔިތުންގެ ބައްދަލުވުމުގަ އެވެ.