ދީނީ އިލްމުވެރިޔާ ޝެއިހް އާދަމް ނިޝާންގެ ބަންދު އަނެއްކާވެސް އިތުރުކުރުމަށް ފުލުހުން އެދެފި އެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ނިޝާން ހައްޔަރުކޮށްފައިވާއިރު، އޭނާ ހައްޔަރުކުރީ، މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު އޭނާގެ ދަރިފުޅު ގޮވައިގެން ނަމާދަށް ދަނިކޮށެވެ. އަދި ހަތަރު ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.

އެއަށްފަހު އަނެއްކާވެސް ފުލުހުން ވަނީ އޭނާގެ ބަންދު 16 ދުވަހަށް އިތުރުކުރުމަށް އެދިފަ އެވެ.

ނިޝާން ހައްޔަރުކުރި މައްސަލަ އޭނާގެ ވަކީލުން އިސްތިއުނާފް ކުރުމަށް ހުށަހެޅި ނަމަވެސް ހައިކޯޓުން ވަނީ، އޭނާ ހައްޔަރުކުރީ ރަނގަޅަށް ކަމަށް ނިންމާފަ އެވެ.

މިދިޔަ ޖޫންމަހު ނިޝާން ހައްޔަރުކޮށްފައިވާއިރު، އޭނާ ބަންދުގައި ހުންނަތާ މިހާރު ވަނީ 42 ދުވަސް ވެފަ އެވެ.

ޔޯގާ ހަރަކާތާއި ގުޅިގެން ހައްޔަރުކުރި މީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ، މާރާމާރީ ހިންގައި، އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހަމަނުޖެހުން ހިންގައި، ފުލުހުންނާ ކުރިމަތިލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާކަމުގެ ތުހުމަތެވެ.

މިގޮތުން ހަރަކާތްތެރިވި ފުލުހުންގެ ބަހާއި، ސީސީޓީވީ ފުޓޭޖުގެ އިތުރުން އިންޓެލިޖެންސް ރިޕޯޓު ވަނީ ހެކީގެ ގޮތުގައި އެ މީހުންނާ ދެކޮޅަށް ވަނީ ހުށަހަޅައިފަ އެވެ.