ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފަށް ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު 20 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ބުނާ އަދީބުގެ ތަހުގީގު ބަޔާނެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފި އެވެ.

އެ ބަޔާން އާއްމުކޮށްފައި ވަނީ "ނައުޓީމެޓޮކްސް" ގެ ނަމުގައި ޓްވިޓާގައި ޙަރަކާތްތެރިވާ ރައީސް މުހައްމަދު ނަޝީދާ ގާތްގުޅުމެއް އޮންނަ އެމްޑީޕީގެ އެކްޓިވިސްޓެކެވެ.

އަދީބު ދީފައިވާ ބަޔާން ކަމަށް ބެލެވޭ މި ލިޔުމުގައިވަނީ ސުޕްރީމް ކޯޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ބިލެއް މަޖިލިހަށް ހުށަހަޅަން އެމްޑީޕީގެ މަރަދޫ ދާއިރާ މެންބަރު އިބްރާހީމް ޝަރީފު މެދުވެރިކޮށް ބިލު ހުށަހެޅުއްވުމުގެ މަސައްކަތް ކުރެއްވި ކަމަށެވެ.

މި އިސްލާހު މަޖިލިހަށް ހުށަހެޅުމަށް 20މިލިއަން ރުފިޔާ ޝަރީފަށް ދިނުމަށް ހަމަޖެއްސެވި ކަމަށާއި އަދި ވޯޓު ދޭނެ މެންބަރުންގެ ޕެކޭޖެއް ޝަރީފު އެކުލަވައިލެއްވި ކަމަށާއި، އެ އިސްލާހު ހުށަހެޅުއްވުމުގެ ކުރިން އޭނާއަށް ފަސް މިލިއަން ރުފިޔާ ދިން ކަމުގައި އަދީބުގެ ބަޔާން ކަމަށް ބެލެވޭ މި ލިޔުމުގައިވެ އެވެ. އަދި އެ މައްސަލަ ޝަރީފު ހުށަހެޅުއްވުމުން 15 މިލިއަން ރުފިޔާ ދެއްވި ކަމުގައި ވެސް ލިޔުމުގައިވެ އެވެ.

މިކަން ޝަރީފް ކޮށްފައިވަނީ އޭނާ ނިސްބަތްވާ އެމްޑީޕީގެ މެމްބަރުންނަށް ވެސް ނޭނގި ކަމަށް ވެސް އެ ލިޔުމުގައިވެ އެވެ.

އެ ޓުވީޓަށް ރައްދުދެއްވައި ޝަރީފު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ އަދީބު ދެއްވައިގެން ގާނޫނަށް އޭނާ އިސްލާހެއް ހުށަނާޅުއްވާ ކަމަށެވެ. އަދި އޭނާ ހުށަހެޅުއްވި އިސްލާހުތަކަކީ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެން ހުށަހެޅުއްވި އިސްލާހުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެނޫނު ގޮތަކަށް އޭނާ މަޖިލީހަށް އިސްލާހެއް ހުށައެޅިނަމަ އޭނާއާމެދު ޕާޓީން ފިޔަވަޅު އަޅާފައިވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އަދި ކިތަންމެ ބިރެއް ދެއްކިޔަސް ފަހަތަށް ނުޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ. އަދި އެ ލިޔުމަކީ ފުލުހުންގެ މުއައްސަސާ ޚަރާބުކުރުމަށް ވޯޓު ނުދޭނެ ކަމަށް ބުނުމުން ވުޖޫދުވެގެން އުޅޭ ފޭކު ރިޕޯޓެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ސޯޝަލް މީޑިއާ އެކްޓިވސްޓަކަށް އަދީބު ކޯޓަށް ދީފައިވާ ބަޔާނުގެ ކޮޕީއެއް ލިބުނު ގޮތެއް އަދި ސާފެއް ނުވެއެވެ.