ދ. ކުޑަހުވަދޫގައި ބަލި މީހަކު އެމަޖެންސީކޮށް މާލެ ގެންނަން އުޅުމުން މަންޓާ އެއާލައިން ގެނެސްދީފައި ނުވާތީ، އެކަމާ ގުޅިގެން އެރަށުގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ ކުޑަހުވަދޫ ހަމަނުޖެހުމާ ގުޅިގެން ހައްޔަރު ކުރި އެންމެ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އެ މީހުން ދޫކޮށްލީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ރޭ ހާޒިރުކުރުމުން ކޯޓުނެވެ. ކޯޓުން 14 މީހަކު ދޫކޮށްލީ އެމީހުންނަށް ޝަރުތުތަކެއް ކުރުމަށްފަހު އެވެ.
ކުޑަހުވަދޫގައި މަންޓާ އެއާލައިނާ ދެކޮޅަށް ކުރި މުޒާހަރާގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ޖުމްލަ 15 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އަދި މީހުން ހައްޔަރުކުރަން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ހުރަސް އެޅި ކަމުގެ ތުހުމަތުގައި އިތުރު ދެ މީހަކުވެސް ހައްޔަރުކޮށްފައިވެ އެވެ
ކުޑަހުވަދޫގައި ހަމަނުޖެހުންތައް ފެށުނީ މިދިޔަ ހޯމަ ދުވަހު އެރަށުން ހާޓް އެޓޭކެއް ޖެހުނު މީހަކު އިތުރު ފަރުވާއަށް މާލެ ގެނެވޭނެ ގޮތެއް ނެތުމުންނެވެ. މީގެ ކުރިން ވެސް އެ އެއާލައިނުން ބަލި މީހުން ގޮވައިގެން ދަތުރުކުރުމުގައި ގޮންޖެހުންތައް ދިމާވާތީ މަންތާއާއެކު މަޝްވަރާކޮށްފައިވާ ކަމަށް އެރަށުން ބުނެފައިވެ އެވެ.
މި މުޒާހަރާ އާއި ގުޅިގެން މަންތާ އިން މިހާރު ވަނީ ބަލި މީހުން މާލެ ގެންދެވޭނެ އިންތިޒާމް ހަމަޖައްސާފަ އެވެ.