ސަރުކާރަށް އަދި ދިވެހި ޢަސްކަރިއްޔާއަށް ވަރަށް ދިގު މުއްދަތެއްގައި އިހްލާސްތެރި ހިދުމަތްތަކެއް ކުރެއްވި މއ. ހައިވަކަރުގޭ ހައިވަކަރު އަޙްމަދުފުޅު އަވަހާރަވެއްޖެ އެވެ.

އަހުމަދުފުޅު އަވަހާރަވުމާ ގުޅިގެން، އެ އާއިލާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު، އެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވަމުން، އަލްމަރްޙޫމް ހައިވަކަރު އަޙްމަދުފުޅަކީ، ދިވެހި ސަރުކާރަށް 53 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި އަދި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެއްކަމާއި، އަދި އެއީ، ސަރުކާރަށް ޚިދުމަތްކުރުމުގައި ރީތި ނަމޫނާއެއް ދެއްކެވި ހިތްވަރުގަދަ ބޭފުޅެއްކަން ފާހަގަކުރެއްވި އެވެ.

އަހުމަދުފުޅު 89، އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު މިއަދު ހެނދުނު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގަ އެވެ.

އަހުމަދުފުޅު، ސަރުކާރަށް ހިދުމަތް ކުރައްވަން ފެށްޓެވީ، އޮކްޓޯބަރު 8، 1953 ގަ އެވެ. އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ ދިވެހި ޢަސްކަރިއްޔާގަ އެވެ. އަސްކަރިއްޔާގެ ޚިދުމަތުގައި 24 އަހަރަށް ވުރެ ގިނަ ދުވަހު އުޅުއްވިއިރު، އަސްކަރިއްޔާގެ އިސް މަގާމުތަކެއް ފުރުއްވި އެވެ. އެގޮތުން ޢަސްކަރިއްޔާގެ ސިފައިންގެ 4 ނަންބަރު ސަރުދާރުކަމާއި، 3 ނަންބަރު ސަރުދާރުކަމާއި، 2 ނަންބަރު ސަރުދާރުކަމާއި، 1 ނަންބަރު ސަރުދާރުކަން ކުރެއްވި އެވެ.

ހައިވަކަރު އަހްމަދުފުޅު އާއިލާގެ މެންބަރުން

ހައިވަކަރު އަހުމަދުފުޅަކީ، 3 އަތޮޅެއްގެ އަތޮޅުވެރިކަން ވެސް ކުރެއްވި ބޭފުޅެކެވެ. އެގޮތުން، މ. އަތޮޅު އަތޮޅުވެރިކަމާއި، ޅ. އަތޮޅުގެ އަތޮޅުވެރިކަމާއި، އައްޑުއަތޮޅު އަތޮޅުވެރިކަން ވެސް ކުރެއްވި އެވެ. މ. އަތޮޅުވެރިކަން ދެ ފަހަރެއްގެ މަތިން ކުރެއްވި އެވެ.

އަހުމަދުފުޅު ފުރުއްވި އެހެން ބައެއް މަގާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް އަންޑަ ސެކްރެޓެރީކަމާއި، ރެންޓަލްސް ޑިވިޜަންގެ އެސިސްޓެންޓް މެނޭޖަރުކަމާއި، މެނޭޖަރުކަމާއި، ސެންޓްރަލް ހޮސްޕިޓަލްގެ މެނޭޖަރުކަމާއި، މިނިސްޓްރީ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗާގެ ޑިރެކްޓަރުކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަ ޖެނެރަލް ކަމުގެ މަގާމު ހިމެނެ އެވެ. އަދި އޭގެފަހުން، ކޮމިއުނިޓީ އޯގަނައިޒޭޝަންސް ޑިވެލޮޕްމަންޓް ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަ ޖެނެރަލް ކަމުގެ މަގާމާއި، ޑިރެކްޓަ ޖެނެރަލް ކަމުގެ މަގާމު ވެސް ފުރުއްވި އެވެ.